މުސްލިމް ނޫން ބަޔަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ނުދެވޭނެ ކަމަށާއި، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަށް ވެފައިވާ އެއްބަސްވުންތަކަށް އިހުތިރާމް ނުކުރައްވާނެ ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް 99 އަހަރަށް ދީފައިވާ މައްސަލައިގައި، ދިވެހި ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގޮތަށް ހަދާފައިވާ އެއްވެސް އެއްބަސްވުމެއް ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް އެތައް ކަމެއް އޮޅުވާލައިގެން ހަދާފައިވާ މިފަދަ އެއްބަސްވުންތަކަށް ދުވަހަކު ވެސް އިހުތިރާމް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކުރީގެ އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ ބޯހިޔާވަހިކަމަށް ގުޅީފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލެ ފޭސް 3 ގެ ބޮޑު ބައެއް ހިއްކާފައިވާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، އެ ތަންތަނަށް ބޭނުންވާ ފެނާއި، ނަރުދަމާ، ކަރަންޓު، ސްކޫލް، ހޮސްޕިޓަލް އަދި މިސްކިތް ފަދަ އަސާސީ ޚިދުމަތްތައް ގާއިމުކުރުމަށް ހުރި ފައިސާ ޚަރަދުކޮށްގެން، މިވަގުތަށް ބޭނުންނުވާ ބޮޑު ސަރަހައްދެއް ހިއްކައި ރަސްމާލެ ނަމުގައި ތަރައްގީ ކުރަމުންދަނީ ރައްޔިތުންނަށް ދަތި ކުރުމަށްފަހު ކަމަށެވެ. 

އާޒިމް ވިދާޅުވީ، ރައްޔިތުންގެ ބޭސްފަރުވާއާއި އެހެނިހެން ޒަރޫރީ ކަންކަން ގުރުބާން ކުރުމަށްފަހު، ބޭރު ބަޔަކަށް ރަސްމާލެއިން ހިލޭ ބިން ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެ ސަރަހައްދުގައި 5،000 ހައުސިންގ ޔުނިޓް އަޅައިދެނީ ހިލޭ ނޫން ކަމަށާއި، ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ ހައުސިންގ ޔުނިޓްތައް އަޅަނީ އެތަނުގައި ތަރައްގީކުރާ ޕްރޮޕަޓީތައް ވިއްކައިގެން ސަރުކާރަށް ލިބޭ 10 ޕަސެންޓް ފައިސާއިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެތަން ހިއްކީ 25،000 ހައުސިންގ ޔުނިޓް އެޅުމަށް ކަމަށް ބުނެ ރައްޔިތުންނަށް ދޮގުހަދާފައިވާ ކަމަށް ވެސް އާޒިމް ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން އެ މަޝްރޫއުގައި ކޮރަޕްޝަނާއި ޚިޔާނާތް އެކުލެވިގެންވާ ކަމަށް ތުހުމަތު ކުރައްވައި އާޒިމް ވިދާޅުވީ، މަސައްކަތް ފެށިއިރު އެމްޓީސީސީގެ ވެހިކަލްތަކާއި ވަސީލަތްތައް ބޭނުންކުރި ނަމަވެސް އެ މަސައްކަތް ސީދާ އެމްޓީސީސީއަށް ދިނުމުގެ ބަދަލުގައި އެހެން ބަޔަކަށް ދީގެން ސަބް ކޮންޓްރެކްޓް ކުރީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ދިވެހި ރައްޔިތުން ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިގެންދާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.