ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ. 

ފުލުހުން ބުނީ، ވިލިމާލެއާ ދިމާ ބޭރު ކަނޑުމަތީގައި ލޯންޗަކާއި، ދޯންޏެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށާއި، މި ހާދިސާގެ ރިޕޯޓު ބުދަ ދުވަހުގެ ހަވީރު 16:50 ހާއިރު ލިބިފައިވާ ކަމަށެވެ. 

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ލޯންޗުގެ ކެޕްޓަނަށާއި އޭގެ ފަޅުވެރިއަކަށް ކަމަށާއި، ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މި ހާދިސާގައި ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މިއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ހާމަކޮށްފައިނުވާއިރު، މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. 

ދޭތެރެދޭތެރެއިން ކަނޑުމަތީގައި އުޅަނދުތައް ޖެހިގެން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަ އެވެ. އެގޮތުން މިފަހުން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަޑުނުކޮށް ފިލި ދޯންޏެއްގެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ޖުލައި މަހުގެ 9 ވަނަ ދުވަހު ހިނގި މިއެކްސިޑެންޓާ ގުޅިގެން ފުލުހުންނަށް އެ ދޯނި ހޯދައި، އެ ދޯނީގެ ކެޕްޓަންގެ ލައިސެންސް ހިފަހައްޓާފައިވަނީ މަހަކަށްވުރެ ގިނަ ދުވަސްވީފަހުން 24 އޯގަސްޓް 2026 ގަ އެވެ.