ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު ބުރާސްފަތި ދުވަހު ޕީއެންސީގެ ޕާރލިމެންޓަރީ ގުރޫޕުގެ މެންބަރުންނާއި ސަރުކާރުގެ ވަޒީރުންނާ ފޭދޫފިނޮޅުގައި މިހާރު ހަފާފައިވާ ރިސޯޓެއް ކަމުގައިވާ ޑުސިތު ޑީޓޫގައި ބައްދަލުކުރައްވާނެ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ އަލައްބާރު ރާއްޖެއަށް ވަޑައިގަންނަވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އަދި ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ފުރާވަޑައިގަންނަވާނީ ހުކުރު ދުވަހު އެވެ.
ނަމަވެސް މިކަން ސަރުކާރުގެ ފަރާތަން ކަށަވަރުކޮށްދީފައިނުވެ އެވެ. މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާ ސުވާލުކުރި ނަމަވެސް ޖަވާބެއް ދެއްވާފައިނުވެ އެވެ.
މައުލޫމާތު ލިބޭގޮތުގައި، އަލައްބާރުގެ މި ދަތުރުފުޅުގައި ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ އެވެ. އަދި މިމަޝްރޫއުގެ މައުލޫމާތު ވަޒީރުންނާއި ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންނަށް ދެއްވާނެ އެވެ.
މީގެއިތުރުން ފޭދޫފިނޮޅުގައި ބާއްވާ މި ބައްދަލުކުރެއްވުމުގައި، ބުރާސްފަތި ދުވަހުގެ ހަވީރު ބައްދަލުކުރައްވަނީ މަޖިލިސް މެންބަރުންނާ އެވެ. އަދި ވަޒީރުންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގަނޑު ޚާއްސަ ފަރިކޮޅަކާއެކު އެވެ.
ރަސްމާލޭގެ ބޮޑު ސަރަހައްދެއް 99 އަހަރަށް އީގަލް ހިލްސްއަށް ދީފައިވާތީ، އިދިކޮޅު ސިޔާސީ ބޭފުޅުންނާއި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ގެ ޔުނިޓުތަކުގެ މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު 99 އަހަރުގެ މުއްދަތު އަލުން ގުނަން ފަށާނެ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކުރުމާއެކު، ފާޑުކިޔުން އަމާޒުވުމުން، އެ ބައި އެ ބަޔާނުން ފަހުން އުނިކޮށްފައިވާތީ، މި ބަދަލަކީ އޮޅުވާލުމެއް ކަމަށް ބުނެ އާންމުންގެ ކަންބޮޑުވުމާއި ފާޑުކިޔުން ވަނީ އިތުރުވެފަ އެވެ.