ރަސްމާލޭގެ ބޮޑު ސަރަހައްދެއް 99 އަހަރަށް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ މައްސަލައިގައި ސިޔާސީ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، އެ މަޝްރޫއު ހުއްޓުވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ގޮވާލައްވައިފި އެވެ.

ދިވެހީންގެ ބިން ދިވެހީންނަށް ޚާއްސަ ކަވަރޭޖްގައި މެންބަރު މީކާއީލް ވިދާޅުވީ، ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދީފައިވާ ކަމަށް ބުނާ އެ އެއްބަސްވުމުގައި ވަރަށް ބޮޑެތި ސިއްރުތަކެއް އެކުލެވިގެންވާކަން ދުވަހެއް ދުވަހަކަށް ހާމަވަމުންދާ ކަމަށެވެ. އަދި މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުހަލާގައި ޕީއެންސީގެ މެންބަރުން ދައްކަވަމުން ގެންދެވި ވާހަކަތަކަކީ އެއްވެސް އޮއްޓަރެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ފަތުރުވެރިކަމަށް ރިސޯޓެއް ދޫކުރުމާއި މިފަދަ ބޮޑު ބިމެއް ދިގު މުއްދަތަކަށް ދިނުމާ ދެމެދު ބޮޑު ތަފާތެއް އޮތްކަން ފާހަގަކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ، މިއީ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކައެއް ކަމަށެވެ. ރާއްޖޭގެ ގާނޫނާއި ބާރު ނުހިނގާ ގޮތަށް، ރާއްޖޭގެ މެދުގައި އޮތް ބިމަކުން 500 އަށް ވުރެ ގިނަ ހެކްޓަރުގެ ބޮޑު ސަރަހައްދެއް ދޫކޮށްލުމުން އިޖުތިމާއީ ގޮތުންނާއި ގައުމީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން މެންބަރު މީކާއީލް ވިދާޅުވީ މިއީ ވަކި ސިޔާސީ ފިކުރެއް އިސްކުރަންވީ މައްސަލައެއް ނޫން ކަމަށާއި، މިކަމުގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި ވަކި ޕާޓީއަކަށް ނުވަތަ ސަރުކާރަށް ތާއީދުކުރާ ނުވަތަ ދެކޮޅު މީހުންނަށް އެކަނި ނޫން ކަމަށެވެ. މީގެ ނޭދެވޭ އަސަރު މުޅި ދިވެހި ރައްޔިތުންނަށާއި ކުރިއަށް އޮތް އެތައް ޖީލަކަށް ކުރާނެ ކަމަށް ވެސް މެންބަރު މީކާއީލް ވިދާޅުވި އެވެ. 

ބައެއް ބޭފުޅުން ވިދާޅުވި ކޮބާހޭ މައްސަލައަކީ. ރިސޯޓުތައް ވެސް ދެނީނުންހޭ. އަޅުގަނޑު ހަމަ ހިތަށް އަރާ އެބޭފުޅުންނަށް ފަހުމްވެވަޑައިގެންބާއޭ ރިސޯޓެއް ލީޒް ކުރުމާ އެނގޭތޯ. މި ރަށެއް ރިސޯޓަކަށް ލީޒްކުރުމާ މިއާ އޮތް ތަފާތު. އިޖުތިމާއީ ގޮތުން އެނގޭތޯ. މީގެ އަހަރުތަކެއް ފަހުން ދިވެހިރާއްޖެއަށް ވެގެންދާނެ ގޮތް އަޅުގަނޑުމެންގެ ކޮންޓްރޯލް ނެތް އެނގޭތޯ. ދިވެހިރާއްޖޭގެ ގާނޫނު ނުހިނގާ، ދިވެހިރާއްޖޭގެ ބާރު ނުހިނގާ 500 އެތައް ހެކްޓަރެއް އަޅުގަނޑުމެންގެ މި ރާއްޖޭގެ މެދުގައި އިނގޭތޯ. އޮތީމާ ދިވެހިރާއްޖެއަށް އަންނާނެ ބަދަލު. އެއާ މެދު ހަމަ ފިކުރުކޮށް ހަގީގަތުގައި އަޅުގަނޑު ހަމަ އެ ދެން އިނގޭތޯ މިއީ ސިޔާސީ ފިކުރު އިސްކުރަންވީ ކަމެއް ނޫން އެނގޭތޯ. 
މީކާއީލް އަހުމަދު ނަސީމް

މި މަޝްރޫއުގައި ހުރި ސިއްރު މައުލޫމާތުތައް ހާމަކުރުމަށާއި މި މަޝްރޫއު ހުއްޓުވުމަށްޓަކައި، ސިޔާސީ ޚިޔާލު ތަފާތުވުންތައް ދޫކޮށްލައި، ހެޔޮ ވިސްނުމާއި ނިޔަތުގައި ހުރިހާ އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރުމަށް މެންބަރު މީކާއީލް ވަނީ ގޮވާލައްވާފަ އެވެ.