ދ. މީދޫގައި އިމާރާތް ކުރާ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ކުރިއަށްނުގޮސް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމާ ގުޅިގެން، އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، މީދޫ ޕޮލިސް ސްޓޭޝަނަކީ ވޭތުވެދިޔަ ކައުންސިލްގެ ދައުރުގައި ބިން ނުދީގެން ވަރަށް ބޮޑަށް މައްސަލަ ޖެހުނު ތަނެއް ކަމަށެވެ. އަދި މަސައްކަތުގެ ސްޕީޑު ލަސްވުމުން، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލުން ބިން ހިފަހައްޓާތީ ކަމަށް ދައްކަން ސަރުކާރުން މަސައްކަތްކުރި ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް، އެ މަޝްރޫއަށް ބިން ދޫކުރުމަށްފަހު ވެސް ފެންނަނީ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދާ މަންޒަރު ކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން ހަމައެކަނި ފައުންޑޭޝަން އަޅައި، ތަނބުތަކެއް ޖެހުމަށްފަހު އިތުރު މަސައްކަތެއް ކުރިއަށް ނުގޮސް މަޑުޖެހިފައިވާ ކަމަށާއި، މިހާރު މި މަސައްކަތް ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، އެ ސައިޓުގައި ބަންގްލަދޭޝްގެ 20 އެއްހާ މަސައްކަތްތެރިންނާއި އެތައް ދިވެހިންނެއް ތިބި ނަމަވެސް، އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށްދާ މަންޒަރު ރަށުގެ ރައްޔިތުންނަށް ނުފެންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

ކައުންސިލް އިންތިޚާބު ތެރޭގައި ދެން މި ރަށުގައި އެ ގޮތަށް އެ ބޭފުޅުންނަށް އަތްލެވެން ހުރި ހުރިހާ ދިމާލެއްގެ މަސައްކަތްތަކެއް ފެށި، ފަށާފައި ކައުންސިލް އިންތިޚާބު ނިމުނީ. އެ މަސައްކަތްތައް ކުރަމުން ދިޔަ މީހުން ދިޔައީ އަޑިއަށް ކަމެއް އެރީ މައްޗަށް ކަމެއް އަޅުގަނޑުމެން ރައްޔިތުންނަކަށް ނޭނގެ
މުހައްމަދު ޝާހިދު

މި މަޝްރޫއު ހުއްޓިފައި އޮންނަތާ ވީ މުއްދަތާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ، މި މަސައްކަތް ފެށިގެން ދިޔައީ ކައުންސިލް އިންތިޚާބާ ދިމާކޮށް ކަމަށެވެ. އަދި އިންތިޚާބާ ދިމާކޮށް އެކި ދިމަދިމާލުން ފެށި މަސައްކަތްތައް، އިންތިޚާބު ނިމުމާއެކު ހުއްޓުމަކަށް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.