ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ވާހަކަދައްކަން ނުކެރޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ. 

"ދިވެހިންގެ ބިން ދިވެހިންނަށް" ނަމުގައި ރާއްޖެޓީވީން ގެނެސްދޭ ހާއްސަ ކަވަރެޖްގައި ވާހަކަދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިން މައްސަލައިގައި ބޮޑެތި ޚިޔާނާތާއި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް، އެ މަޝްރޫއުގެ އެއްބަސްވުމާ ގުޅޭ ތަފްސީލު ހާމަކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ކުރިއަށް ގެންދަން ޕިއެންސީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރު އިބްރާހިީމް ފަލާހު ބޭނުންވީ ހަމައެކަނި ޕީއެންސީގެ މެންބަރުންނަށް ވާހަކަދައްކަން ފުރުސަތު ލިބޭ ގޮތަށް ކަމަށެވެ. 

ނަމަވެސް އެމްޑިޕީއަށް ނިސްބަތްވާ މެންބަރުން ވާނީ ވަރަށް ހުށިޔާރު ކަމާއެކު ކުރީ ބައިގައި ބަހުސްގައި ބައިވެރިވުމަށް ޖާގަ ހޯދާފައި ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. އަދި މި ބަހުސަށް އެއް ގަޑިއިރުގެ ވަގުތެއް ލިބޭތީ ޕީއެންސީގެ މެންބަރުންނަށް ފުރުސަތު ދިނުމަށްޓަކައި ވަގުތު އިތުރުކޮށްދެއްވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރު އިބްރާހީމް ނާޒިލް އެދިވަޑައިގެންނެވި ކަމަށް ވެސް މެންބަރު މައުރޫފް ވިދާޅުވި އެވެ. 

މި މައްސަލައަށް ވާހަކަދައްކަން އެންމެ ބޮޑަށް ބޭނުން ވެފައި ތިބި ޕީއެންސީގެ މެންބަރުން ވެސް ދެއްކެވީ މުޅިން ތަފާތު ވާހަކައެއް ކަމަށާއި ޕީއެންސީގެ ބައެއް މެންބަރުން މި މަޝްރޫއު ކުރިއަށް ގެންދަން ބޭނުންފުޅުނުވާ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. 

އޭގެ ތެރޭގައި އެބަހުރި ވަރަށް ގިނަ ބޭފުޅުން މިކަން ކުރިއަށް ގެންދަން ހަގީގަތުގައި ހިތުން ރުހުމުން ބޭނުންނުވާ، އެހެންނަމަވެސް ލިބޭ ލާރިއާ ކޮންމެ ދުވަހަކު އެދޭ ފައިސާއާ މަހުން މަހަށް އެދޭ އިނާޔަތްތައް ރައީސް މުއިއްޒު އެދޭ ފައިސާގެ ދަހިވެތިކަމުގައި މަޖުބޫރީ ހާލަތުގައި އެ ތިބެނީ
މައުރޫފް ޒާކިރު 

މީގެ އިތުރުން މެންބަރު މައުރޫފް ވަނީ މިހާރުގެ މަޖިލީހަކީ ރަބަރު ސްޓެމްޕް ޖަހާ މަޖިލީހެއް ކަމަށް ވިދާޅުވެ، މިއީ ބޮޓުންގެ މަޖިލީހެއް ގޮތުގައި ސިފަކުރައްވާފަ އެވެ.