01 އޮކްޓޫބަރ 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު 35.456 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީ އިން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ބުނީ 01 އޮކްޓޫބަރ 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު 35.456 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށާއި، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 30.008 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 18.2 އިންސައްތައިގެ އިތުރުވުމެއް ކަމަށެވެ. ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗާ 18.5 އިންސައްތަ އިތުރުވެ 30.653 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ 14.1 އިންސައްތަ އިތުރުވެ، 5.555 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
ހިންގުމުގެ
އެހެނިހެން ހަރަދުތައް ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފަ އެވެ.
އިދާރީ އަދި ހިންގުމުގެ ހަރަދުތައް 23.8 އިންސައްތަ އިތުރުވެ 18.539 ބިލިއަން
ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީ އާއި ސަބްސިޑީއަށް ކުރި ހަރަދު ވަނީ 44.3 އިންސައްތަ
އިތުރުވެ 10.169 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ ތެރެއިން ސަބްސިޑީއަށް ކުރި
ހަރަދު 75.1 އިންސައްތަ އިތުރުވެ 4.203 ބިލިއަން ރުފިޔާއަށް އަދި އާސަންދައަށް
ކުރި ހަރަދު 25.1 އިންސައްތަ އިތުރުވެ 1.864 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.
ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލަ 30.879 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.342 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 އިންސައްތައިގެ އިތުރުވުމެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކަ އެވެ. ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 5.8 އިންސައްތަ އިތުރުވުމެވެ.
އެގޮތުން ޓެކްސް އާމްދަނީ ވަނީ 22.528 ބިލިއަން ރުފިޔާއިން 23.835 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މާލީ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ހަފުތާގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިންނެވެ.
ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީޖީއެސްޓީ އިންނެވެ. އެއީ 8.062 ބިލިއަން ރުފިޔާ އެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 8.172 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.4 އިންސައްތައިގެ ދަށްވުމެކެވެ.
މީގެ އިތުރުން، އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.2 އިންސައްތަ އިތުރުވެ، 1.529 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.412 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
ވިޔަފާރި
އާއި މުދަލުން ނަގާ ޓެކްސް 21.2 އިންސައްތަ
އިތުރުވެ 5.782 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިމްޕޯޓް ޑިއުޓީ ވަނީ 11.4 އިންސައްތަ
އިތުރުވެ 2.513 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އާންމު މުދަލާއި ހިދުމަތުގެ
އަގުން ނަގާ ޓެކްސް (ޖީއެސްޓީ) 2.8 އިންސައްތަ އިތުރުވެ 4.132 ބިލިއަން
ރުފިޔާއަށް ވަނީ މަތިވެފަ އެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން، އެއާޕޯޓް
ޑިވެލޮޕްމަންޓް ފީ 8.1 އިންސައްތަ އިތުރުވެ 1.552 ބިލިއަން ރުފިޔާއަށް އަދި
މުދަލުން ލިބޭ އާމްދަނީ 13.5 އިންސައްތަ އިތުރުވެ 1.948 ބިލިއަން ރުފިޔާއަށް ވަނީ
އަރާފަ އެވެ. އަދި ދައުލަތަށް ލިބުނު ހިލޭ އެހީ ވަނީ 84.7 އިންސައްތަ އިތުރުވެ،
0.513 ބިލިއަން ރުފިޔާއަށް މަތިވެފަ އެވެ.