ސްޓެއިންލެސް ސްޓީލް ފެންބޯ ތަށިތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި ކްރިސްޓަލް މެތާއި، ކުޑަކުދިންގެ އަންނައުނުތަކެއްގެ ތެރޭގައި ބަންދުކޮށްފައި ހުރި ކެނަބިސް ބަޑްސްތަކަކާއެކު ދިވެހި ދެ ފިރިހެނަކު ތައިލެންޑުގެ ބެންގކޮކުން ހައްޔަރުކޮށްފި އެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއިއެކު ބެންކޮކުން ދެ ދިވެހިން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއިއެކު ބެންކޮކުން ދެ ދިވެހިން ހައްޔަރުކޮށްފި

ތައިލެންޑްގެ ތައިގާ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އާއި އުމުރުން 34 އަހަރުގެ މުހުއްމަދު ވިސާމު އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ބެންކޮކްގެ ޕްރާތުނާމް ސަރަހައްދުގައި ހުންނަ ކާގޯ ސަރވިސްއަކަށް ގެންދިޔަ ބޮޑެތި ޕާރުސަލްތަކެއް ތަހުޤީޤު އިދާރާތަކުން ފާރަލައި ބެލުމަށްފަހުގައި ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ. 

މި މައްސަލައިގެ ތަހުޤީޤު ފަށާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ކަމަށާއި، އެއީ ބޭރު ގައުމެއްގެ މީހަކު، ޓޭޕް އަޅައި ވަރަށް ބޮޑަށް ބަންދުކޮށްފައި ހުރި ފޮށިގަނޑުތަކެއް ރާއްޖެއަށް ފޮނުވުމަށްޓަކައި ގެނެސްފައިވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ތައިލެންޑް ފުލުހުން ބުނެފައިވެ އެވެ. އެ ތަކެތި ވަރަށް ބޮޑަށް ބަންދުކޮށްފައި ހުރި ނަމަވެސް، އެ ޕާރުސަލްތަކުން ގަދަ ވަހެއް ދުވަމުންދިޔަ ކަމަށް ބުނެފައިވެ އެވެ. އެ ފޮށިތަކުގައި ގަވާއިދާ ހިލާފު އެއްޗެއް ހުރެދާނެ ކަމަށް ބަލައި، އެކަމާ ކަންބޮޑުވުން ފާޅުކޮށް އެތަނުގެ މުވައްޒަފުން ވަނީ އެ ތަކެތި އަނބުރާ ގެންދިއުމަށް އެ މީހާއަށް އަންގާފަ އެވެ. އަދި އެއަށްފަހު އެ މުވައްޒަފުން ވަނީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއިއެކު ބެންކޮކުން ދެ ދިވެހިން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއިއެކު ބެންކޮކުން ދެ ދިވެހިން ހައްޔަރުކޮށްފި|ތައި ޕޮލިސް

ތަހުގީގީ އިދާރާތަކުން ފަހުން ކުރި މަސައްކަތުން، މި ތަކެތި ފެނިފައިވަނީ ރަޗަތޭވީ ޑިސްޓްރިކްޓުގައި ހުންނަ ޑޯމިޓަރީއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓަ އެވެ. ބެލެވޭ ގޮތުގައި މި ފޮށިތައް އެތަނުގައި ބަހައްޓާފައި ހުރީ އެހެން ޑެލިވަރީ ކުންފުންޏެއް މެދުވެރިކޮށް އެހެން ތަނަކަށް ފޮނުވާލުމަށް ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ. 

އެ ފޮށިތައް ބަލައި ފާސްކުރިއިރު، ކްރިސްޓަލް މެތުގެ ޖުމްލަ ބަރުދަނަކީ 2.37 ކިލޯގްރާމެވެ. މީގެ އިތުރުން، ކުޑަކުދިންގެ އަންނައުނުތަކެއްގެ ތެރޭގައި އޮޅައި، ބޯ ޓޭޕް އަޅައި ބަންދުކޮށްފައި ހުރި 10 ކިލޯގެ ކެނަބިސް ބަޑްސް ވެސް ފުލުހުން ވަނީ ހޯދާފަ އެވެ. މި މަސްތުވާތަކެތި ފޮރުވާފައި ހުރީ ކުޑަކުދިންގެ އަންނައުނާއި ކުޅޭ ކާރު ފަދަ ތަކެތީގެ ތެރޭގަ އެވެ. އެހެންކަމުން، ބޭރުފުށުން ބަލާލާއިރު އެއީ އާންމު މުދާ ހުރި ފޮށިތަކެއްގެ ގޮތުގައި ވަނީ ދައްކުވައިދީފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މަސްތުވާތަކެތި ހުރި ފަސް ބޮޑު ފޮށި ހިފަހައްޓައި، އެ ދެ މީހުން ތައި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފަ އެވެ.

އެ ދެ މީހުންގެ މައްޗަށް ކުރަނީ ހުއްދަނެތި ވިއްކުމުގެ ނިޔަތުގައި، އެއްވަނަ ގިންތީގެ މަސްތުވާތަކެއްޗެއް ކަމަށްވާ ކްރިސްޓަލް މެތްއެމްފަޓަމިން ގެންގުޅުމާއި އެ ތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތެވެ. ނަމަވެސް، އެ ދެ މީހުން ވެސް ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

އެ ފޮށިތަކުގައި މަސްތުވާތަކެއްޗާއި މަނާ އެއްވެސް އެއްޗެއް ހުރިކަން ނޭނގޭ ކަމަށާއި، އެ ތަކެއްޗަކީ ރަހުމަތްތެރިއަކު ބުނެގެން އޭނާގެ ފަރާތުން ފޮނުވައިދޭން އުޅުނު ޕާރުސަލްތަކެއް ކަމަށް އެ ދެ މީހުން ފުލުހުންގެ ގާތުގައި ބުނެފައިވެ އެވެ.

އެ މީހުން ކިޔައިދިން ގޮތުގައި، އެ ތަކެތި ފޮނުވަން ފުރަތަމަ ދިޔަ ކުންފުނިން އެ ފޮށިތަކުން ގަދަވަސް ދުވާތީ އެ ތަކެތި ބަލައިގަންނަން އިންކާރުކޮށް، އަނބުރާ ގެންދަން އެންގި އެވެ. އެހެންކަމުން، ހައްޔަރުކުރުމާ ހަމައަށް އެ ޕާރުސަލްތައް ބަހައްޓާފައި ހުރީ އެ މީހުން ދިރިއުޅޭ ތަނުގައި ކަމަށް އެ މީހުން ބުނެފައިވެ އެވެ.

މި ދެ މީހުންނަކީ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގައަކާ ގުޅުން އޮތް ބައެއްތޯ ތައިލޭންޑް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މަސްތުވާތަކެތީގެ މި މައްސަލައިގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު ބޭރު ގައުމުތަކުގެ މީހުން ހޯދުމުގެ މަސައްކަތް ވެސް ތައިލޭންޑް ފުލުހުން ދަނީ ކުރަމުންނެވެ.