މިސަރުކާރުން ގަދަބަސް ބުނެފައި ކުރި އެއްވެސް ކަމަކުން ރަނގަޅު ނަތީޖާއެއް ނުނިކުތްތަނުގައި، މިސަރުކާރުން ދަނީ އިތުރަށް ރައްޔިތުން ރުޅި އަރުވަމުން ކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ގާލިބު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު އަށް ދެވަނަ ދައުރެއް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި 2028 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބު ވެގެން ދާނީ ސިޓިން ޕްރެޒިޑެންޓަކު އެންމެ ބޮޑު ބައްޔަކުން ބަލިވާ އިންތިހާބަށް ކަމަށާއި 2028 ވަނަ އަހަރު އެމްޑީޕީ ވެރިކަަމަށް އައިސް ރައްޔިތުންގެ ހުރިހާ ތަކުލީފުތައް ފިލުވާދޭނެ ކަމަށެވެ. 

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ނަގަން ނިންމި ޓެކްސްގެ އުސޫލު ބަދަލުކުރަން ނިންމި ނިންމުމަށް އަލިއަޅުވާލައްވަމުން ގާލިބު ވިދާޅުވީ މިވެރިކަމުގައި ބާކީ މިއޮތް ދެއަހަރުގެ ތެރޭގައި ވެސް ގަދަ ބަސް ވިދާޅުވެ ރައްޔިތުންގެ ކުރިމައްޗަށް ބައިވަރު ކަންކަން ނެރޭނެ ކަމަށެވެ.

އަޅުގަނޑު ހަމަ ވަރަށް ވިސްނަން، ވަރަށް ވަރަށް ފިކުރު ކުރާ ކަމެއް މިއީ މިކަހަލަ ޑިސިޝަންތައް ނަގާއިރު ކޮން ބަޔަކު ދޭ ހިޔާލުތަކެއް ބާއޭ. ޓީމަކުން ދޭ ހިޔާލުތަކެއް ބާއޭ ނޫނީ އެންމެ މީހަކު އެންމެ ފަރުދަކު، ހަމަ ހުރެދާނެތާ ވަރުގަދަ ހަމަ ނުފޫޒުގަދަ މީހަކު އެހެން އަންނަ ހިޔާލެއް ބާއޭ މިއީ 
އަހުމަދު ގާލިބު

ބޭސް ލިބުމުގައި އާއި ގޭސް އަދި ޒަރޫރީ އެހެން ތަކެތި ލިބުމުގައި ދަތިކަން ހުރިކަން ފާހަގަކުރައްވާ ގާލިބު ވިދާޅުވީ ރައީސް މުއިއްޒުއަކީ އަޑު އައްސަވާ ބޭފުޅެއް ނޫންކަން ޔަގީންވާ ކަމަށެވެ. އަދި ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ އިންތިޚާބުގައި ރައްޔިތުންނަށް ލިބުނު ފުރުސަތުގައި މިސަރުކާރަށް ޖަވާބުދިނުމުން ކެބިނެޓަށް ގެނައި ބަދަލުން ކަންކަން ރަނގަޅު ވާނެ ކަމަށް އުއްމީދު ކުރެއްވި ކަމަށް ގާލިބު ވިދާޅުވި އެވެ. ނަމަވެސް ކަންކަން ވީ ހައްތަހާ ގޯސް ކަމަށް ވެސް ގާލިބު ވަނީ ވިދާޅުވެފައި އެވެ. 

މި ނޫނީއާ އައިތޯ އޮންލައިންކޮށް ޓެމޫ އޯޑަރެއް ޖަހާނުލެވުނު ޒަމާނެއް. ބޭންކުން އެ ހުންނަނީ ކަންތައްތައް ލިމިޓުކޮށްފައި، ކޮންމެ ދުވަހަކު ނިދާހޭލާއިރު ބަރިއަކަށް ނޮޓިފިކޭޝަން އައިސް ހުންނަނީ ޑެއިލީ ލިމިޓު ހަމަވެއްޖޭ. މިސާލަކަށް ގަދަބަސް ވިދާޅުވެފައި ރައްޔިތުންގެ ކުރިމައްޗަށް ކަންކަން ގެންނަނީ އޭގެން ރައްޔިތުންނަށް ފައިދާއެއް ކުރާނެ ކަމެއް ވެއްޖެއާ މައްސަލައެއް ނެތޭ، ކޮން ކަމަކުންތޯ ރަނގަޅު ނަތީޖާއެއް ނުކުތީ. އެހެންވީމަ ރަނގަޅި ނަތީޖާއެއް ނުނެރެވުނުތާގައި އިތުރަށް ރައްޔިތުން ރުޅިއަރުވަނީ  
އަހުމަދު ގާލިބު

މީގެ އިތުރުން، ގަދަބަސް ވިދާޅުވެގެން ކަމެއް ވާނަމަ ވާނެހާ ދުވަސްވެއްޖެ ކަމަށާއި އެއްވެސް ކަމެއް ނުވާކަން ގާލިބު ފާހަގަކުރެއްވި އެވެ.