ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ޖުމްލަ 5 މީހަކަށް އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަސްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ދަންވަރު 2:55 އެހައިކަންހާއިރު އެވެ. މި އެކްސިޑެންޓުގެ މައުލޫމާތު އެ ވަގުތު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނެފައިވެ އެވެ.
މި އެކްސިޑެންޓުގައި އަނިޔާވި 5 މީހުންގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަސް ކަމަށާއި، އެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ
ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވި އެއް ސައިކަލުގައި 3 މީހުން އަރައިގެން
ދަތުރުކޮށްފައިވަނީ ވަންވޭއާ ހިލާފަށެވެ. އަދި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް
ބެލެވޭއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ
ލައިސަންސް އޮތް މީހެއް ނޫންކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ
އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
އެކްސިޑެންޓު ހިނގީ އެ 3 މީހުން ފުލުހުންގެ ކާރަކަށް ފިލަން މަސައްކަތް ކުރުމުގެ ތެރޭގައި ވަންވޭ ފަޅާލުމަށްފަހު ނުކުތް ގަޑީގައިކަމަށް ބައެއް މަސްދަރުތަކުން ރިޕޯޓުކޮށްފައިވެ އެވެ.