މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދިމާވި ތަކެތީގެ ދަތިކަމަށް ހައްލުތައް ގެނެވިފައިވާކަމަށް ސަރުކާރުން ބުނެފި އެވެ. 

ރައީސް އޮފީހުން އެހެން ބުނެފައިވަނީ ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްޤީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާކުރުމަށް އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގެ މައުލޫމާތު ހިއްސާ ކުރަމުންނެވެ. 

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުތަކާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދަވާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ.

އަދި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދިމާވި ތަކެތީގެ ދަތިކަމަށް ގެނެވިފައިވާ ހައްލުތަކާއެކު، މަޑުޖެހިފައިހުރި ގިނަ މަޝްރޫއުތަކެއް އަލުން ބާރު ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންގެ މަޖިލީހަށް އިރުޝާދުދެއްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

އޭގެ އިތުރުން، ވަކިވަކި މަޝްރޫއުތައް ކަނޑައެޅިފައިވާ މުއްދަތުތަކަށް ނިންމުމަށް އިތުރު ހިތްވަރަކާއެކު އަދި ގުޅިގެން މަސައްކަތްކުރެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރުއަޅުއްވާފައިވާކަން ރައީސް އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ. 

މިދިޔަ ދުވަސްތަކުގައި ތަކެތީގެ އަގުބޮޑުވުމާއި، މަޝްރޫއުތައް ނުހިނގުން ފަދަ އެތައް ކަމަކަށް ސަރުކާރުން ވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅުވައި އެކި ބަހަނާތައް ދައްކާފަ އެވެ. ނަމަވެސް މިހާރު ރައީސް އޮފީހުން މިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދިމާވި ތަކެތީގެ ދަތިކަމަށް ހައްލުތައް ގެނެވިފައިވާތީ، މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދަން ރައީސް އަންގަވާފައިވާކަން ހާމަކޮށްފަ އެވެ.