ކުށްކޮށްގެން ހޯދާ މުދަލުގެ ގާނޫނުގެ ބިލަކީ ތަންފީޒު
ކުރެވިދާނެ ގާނޫނެއްކަމަކަށް ނުބެލެވޭ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލަށް ބަހުސްކުރައްވަމުން ޑރ. ޝަމްހީދު ވިދާޅުވީ،
ގާނޫނުގައި ކަންކަން މާނަކޮށްފައިވާ ގޮތް މާ ފުޅާކަމުން މިއީ ތަންފީޒު ކުރެވިދާނެ ގާނޫނެއްކަމަކަށް
ނުބެލެވޭ ކަމަށެވެ.

މި ބިލާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައި ޑރ. ޝަމްހީދު
ފާހަގަކުރެއްވީ މިއީ ގާނޫނީ އޮނިގަނޑެއްގެ ތެރޭގައި އޮންނަންޖެހޭ ބިލެއް ކަމަށާއި،
އަދި މިފަދަ ގާނޫނެއް އެކުލެވިގެން އަންނަންޖެހޭނީ ބައިނަލްއަގުވާމީ ގޮތުން ކަނޑައެޅިފައިވާ
މިންގަނޑުތަކާ ވެސް އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ނަމަވެސް މި ބިލާމެދު އިތުރަށް ވިސްނާލަން ޖެހޭ ކަންކަން ވެސް
އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ގާނޫނު ހަދާ މަގުސަދު ނޫން އެހެން މަގުސަދުތަކުގައި
ގާނޫނުތައް ބޭނުން ކުރުމަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށް
އޭނާ ފާހަގަކުރެއްވި އެވެ.

މި ގާނޫނަށް ބަލާއިރު މަނީ ލޯންޑަރިންގގެ ކުށް ވެސް
ބިލުގައި އެބަ ހިމެނޭ ކަމަށާއި، ނަމަވެސް ރާއްޖޭގައި އެކަންވެސް އޮންނަނީ ބައިނަލްއަގުވާމީ
މިންގަނޑުތަކާ އެއްގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުންނެވެ.

ރާއްޖޭގައި ކުށް ހުއްޓުވުމާއި ކުށްވެރިންގެ މުދާ ހިފެހެއްޓުމަށް
ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ގާނޫނުތައް އެކުލަވާލުމަކީ މުހިންމު ކަމެއްކަމަށް
ވީނަމަވެސް، އެކަން ކުރަންޖެހޭނީ ޤާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭނެކަން
ކަށަވަރުވާނެ ގޮތަށްކަމަށް ވާންޖެހޭނެކަމަށް އެމްޑީޕީގެ މެމްބަރުން ގެންދަނީ ފާހަގަކުރައްވަމުންނެވެ.