ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި
ހިނގި އެކްސިޑެންޓެއްގައި ޖުމްލަ 5 މީހަކަށް އަނިޔާތައް ލިބިފައިވާކަމަށް
ފުލުހުން ހާމަކޮށްފި އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ 2026 އޮކްޓޫބަރު
7 ވަނަ ދުވަހުގެ ދަންވަރު 2:55 އެހައިކަންހާއިރު އެވެ. މި އެކްސިޑެންޓުގެ މައުލޫމާތު
އެ ވަގުތު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި
ބުނެފައިވެ އެވެ.

މި އެކްސިޑެންޓުގައި އަނިޔާވި 5 މީހުންނަށް ވަނީ
ސީރިއަސް އަނިޔާތައް ލިބިފަ އެވެ.

އެކްސިޑެންޓުގައި އަނިޔާވި 3 މީހަކަށް ފުރަތަމަ
ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަމަށް ފުލުހުން ބުނެ އެވެ. އެ 3 މީހުންނަށް
އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ. އަދި
އަނިޔާވި އަނެއް ދެ މީހުން ވެސް އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ
މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި އެކްސިޑެންޓުގައި
ބައެއް މީހުންނަށް ބޮޑެތި އަނިޔާތައް ވަނީ ވެފަ އެވެ. ޙާދިސާ ހިނގި ސަރަޙައްދުގެ
ފުޓޭޖުތައް ދައުރުވަމުންދާއިރު، މީހުން ވެއްޓިފައި ތިބި ތަނުގައި ގިނަ އަދަދަކަށް ލޭ
ހުރި މަންޒަރު ފެނެ އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ 3 މީހުން އަރުވައިގެން
ދުއްވި ސައިކަލެއް ބާރު ސްޕީޑުގައި ގޮސް އެހެން ސައިކަލެއްގައި ޖެހިގެންކަމަށް
މައުލޫމާތު ލިބެ އެވެ. އެކަން ފުލުހުން ވެސް ވަނީ "ރާއްޖެއެމްވީ" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. 

އަދި އެކްސިޑެންޓު ހިނގީ އެ 3 މީހުން ފުލުހުންގެ ކާރަކަށް
ފިލަން މަސައްކަތް ކުރުމުގެ ތެރޭގައި ވަންވޭ ފަޅާލުމަށްފަހު ނުކުތް ގަޑީގައިކަމަށް
ބައެއް މަސްދަރުތަކުން ރިޕޯޓުކޮށްފައިވެ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.