ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފަރ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކެއްގެ އަތުން އޮޅުވާލައިގެން 123،000 ޑޮލަރު (1.9 މިލިއަން ރުފިޔާ) ގެ މުދާ ހޯދި މައްސަލާގައި 109 އަހަރަށް ޖަލަށް ލާފައިވާ ހުސައިން ޝިފާއު ގޭބަންދަށް ބަދަލުކޮށްފި އެވެ. 

އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ޝިފާއު ގޭ ބަންދަށް ބަދަލުކުރިކަން ކަށަވަރުކޮށްދެއްވާފަ އެވެ. 

މިނިސްޓަރ ވިދާޅުވީ، ޖަލުތަކާއި ޕެރޯލާ ބެހޭ ގާނޫނުގައި ވަގުތީ ގޮތުން މީހަކު ގެއަށް ބަދަލު ކުރެވިދާނެ ހާލަތްތަކެއް ބަޔާންކޮށްފައިވާ ކަމަށާއި، ޖަލުގައި ހުރެެގެން ބޭސްފަރުވާ ނުކުރެވޭނެ ފަދަ ހާލަތްތަކާއި ޑޮކްޓަރެއް ވަކި ތަނަކަށް ގެންގޮސްގެން ފަރުވާ ދިނުމަށް ލަފާދޭ ނަމަ ބަދަލު ކުރެވިދާނެ ކަމަށެވެ. 

ޝިފާއު ގެއަށް ދޫކޮށްލީ، ފުރަތަމަ އެއް މަހަށް. އަދި އޭނާގެ ހާލަތު ރަނގަޅު ނުކުރެވޭ ނަމަ އިތުރު ދެ މަސް ދޭ ގޮތަށް. ގޭބަންދަށް ބަދަލު ކުރި ޝަރުތުތަކާ އެއްގޮތަށް ޝިފާއު އުޅޭތޯ ބަލައި އެއާ ހިލާފުވެއްޖެ ނަމަ، ވަގުތުން ޖަލަށް ބަދަލުކުރާނެ
އަލީ އިހުސާން

ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ހައްޔަރު ކުރީ 2023 ވަނަ އަހަރުގަ އެވެ. އޭނާގެ މައްޗަށް 23 ދައުވާއެއް ދައުލަތުން ކޮށްފައިވާއިރު، މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާއަކާއި މަނީ ލޯންޑްރިންގެ ހަތް ދައުވާ ހިމެނެ އެވެ. 

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވަނީ ޝިފާއުގެ މައްޗައް މި 23 ދައުވާ ވެސް ސާބިތުވާ ކަމަށް ނިންމާފަ އެވެ. އަދި އެ މައްސަލާގައި ޝިފާއު ލޯންޑާކުރި 123،000 ޑޮލަރު ދައުލަތަށް ނަގަން އެދުނަސް، ގާޒީ ވިދާޅުވީ އެ ފައިސާ ހުރީ ކޮން ތަނެއްގައިކަން ދައުލަތަށް ބުނެ ނުދެވޭތީ އެ ފައިސާ ދައުލަތަށް ނަގަން އަމުރު ނުކުރެވޭނެ ކަމަށެވެ.