ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އިންސްޓިޓިއުޓް ފޯރ ކައުންސެލިންގ އެންޑް ސައިކޯތެރަޕީ (އައިސީޕީ) އިން އޮކްޓޫބަރު މަހަށް ބަހާލައިގެން ކުރިއަށްގެންދާ ނަފްސާނީ ދުޅަހެޔޮކަމުގެ ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.

މުޅި އޮކްޓޫބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތްތަކަކީ ނަފްސާނީ ދުޅަހެޔޮކަމަށް މުޖުތަމައު ހޭލުންތެރިކުރުވުމަށާއި، މިކަމާ ގުޅޭގޮތުން ހުޅުވާލެވިފައިވާ މާހައުލެއްގައި ވާހަކަދެއްކުމަށް ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.

މި މަހުގެ 5 އިން 18 އަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހޭލުންތެރިކުރުވުމުގެ ހާއްސަ ކެމްޕޭނެއް ކުރިއަށްގެންދާއިރު، މީގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތު ދިނުމާއި ނަފްސާނީ ބަލިތަކާ މެދު މުޖުތަމައުގައި ހުންނަ ނުރަނގަޅު ތަސައްވަރުތައް ނައްތާލުމަށް މަސައްކަތް ކުރެވޭނެ އެވެ.

މީގެ އިތުރުން، އޮކްޓޫބަރު 5 ވަނަ ދުވަހު ވަނީ ޅެންވެރިކަމުގެ ޒަރީއާއިން އިހުސާސްތައް ފާޅުކުރުމަށް ބާރުއަޅާ ހާއްސަ ހަރަކާތެއް ވެސް ބާއްވާފަ އެވެ. މި ހަރަކާތުގައި ޅެންވެރިންނާއި މެހެމާނުން ބައިވެރިވެ، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ތަފާތު ޝުއޫރުތައް ފާޅުކޮށްފައިވެ އެވެ.

އަތޮޅުތެރެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، އޮކްޓޫބަރު 8 ވަނަ ދުވަހު އައިސީޕީގެ ޓީމަކުން އއ. ރަސްދޫއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޒިޔާރަތުގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ތިން ސެޝަނެއް ކުރިއަށްގެންދިއުމުގެ އިތުރުން، އއ. އަތޮޅު ހޮސްޕިޓަލުގައި ހިލޭ ކައުންސެލިންގ ދިނުމުގެ ހިދުމަތް ވެސް ކުރިއަށްދާނެ އެވެ. އަދި ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ކަމަށްވާ އޮކްޓޫބަރު 10 ވަނަ ދުވަހު، މާލޭގައި ހުންނަ އައިސީޕީގެ މަރުކަޒުގައިވެސް ހިލޭ ކައުންސެލިންގ ސެޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ އެވެ.

މި ހަރަކާތްތަކުގެ ތެރެއިން މުޖުތަމައުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ހާއްސަ ސަމާލުކަމެއް ދީފައިވެ އެވެ. އެގޮތުން އޮކްޓޫބަރު 15 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމުގެ ސެޝަނެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޮކްޓޫބަރު 24 ވަނަ ދުވަހު އަމީނިއްޔާ ސުކޫލުގެ މުދައްރިސުންނަށް ހާއްސަކޮށްގެން، ދަރިވަރުންނާއި މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.

އައިސީޕީއަކީ 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ނަފްސާނީ ސިއްހަތުގެ ދާއިރާއިން ފުޅާދާއިރާއެއްގައި ހިދުމަތް ދެމުން އަންނަ އަމިއްލަ މުއައްސަސާއެކެވެ. އެ މުއައްސަސާއިން ކައުންސެލިންގ، ސައިކޯތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއަރ ތެރަޕީ އަދި ސްޕީޗް ތެރަޕީ ފަދަ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ. އައިސީޕީއަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުންޏެއް ކަމަށްވާ ސިމްޑީ ގްރޫޕުގެ ދަށުން ހިންގާ މުއައްސަސާއެކެވެ. ސިމްޑީ ގްރޫޕަކީ 2000 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ތަފާތު ދާއިރާތަކުން ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެކެވެ.