އަނެއްކާ ވެސް ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުވިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވައިފި އެވެ.

ރައީސް މުއިއްޒު މިފަދައިން އެދިވަޑައިގެންފައިވަނީ އަންގާރަ ދުވަހު ބޭއްވި ކެބިނެޓްގެ ބައްދަލުވުމެއްގަ އެވެ. 

އެގޮތުން، އަންގާރަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދަވާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އަދި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދިމާވި ތަކެތީގެ ދަތިކަމަށް ގެނެވިފައިވާ ހައްލުތަކާއެކު، މަޑުޖެހިފައިހުރި ގިނަ މަޝްރޫއުތަކެއް އަލުން ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ރައީސް މުއިއްޒު ވަނީ ވަޒީރުންގެ މަޖިލީހަށް އިރުޝާދުދެއްވާފަ އެވެ.

މީގެ އިތުރުން، ވަކިވަކި މަޝްރޫއުތައް ކަނޑައެޅިފައިވާ މުއްދަތުތަކަށް ނިންމުމަށް އިތުރު ހިތްވަރަކާއެކު އަދި ގުޅިގެން މަސައްކަތް ކުރެއްވުމަށް ވެސް ރައީސް މުއިއްޒު ވަނީ ބާރުއަޅުއްވާފަ އެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ފަހުން ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް އަދި މިސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ވެސް ހުއްޓި އެކަމުގެ ކަންބޮޑުވުން އަންނަނީ ކައުންސިލްތަކުން ފާޅުކުރަމުންނެވެ. 

މިގޮތުން، 2025 ވަނަ އަހަރުގެ އޮކޫޓަބަރު މަހުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ސަރުކާރުގެ ހުރިހާ މަޝްރޫއެއް ފެށި، 2026 ވަނަ އަހަރުގެ ތެރޭގައި ގިނަ މަޝްރޫއުތައް ނިމިގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިއަހަރު ނިމުމަކާ ގާތް ވެފައިވާއިރު ކައުންސިލް އިންތިހާބާ ދިމާކޮށް ފެށި މަޝްރޫއުތައް ވެސް ހުއްޓިފައިވާތީ އާންމު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ.