އައު ޕާސްޕޯޓު ސްޓޮކް ލިބި، އާންމު ހާލަތަށް އަންނާނީ އަންނަ ހަފުތާގައިކަމަށް ބުނެ މޯލްޑިވްސް އިމިގްރޭޝަނުން އަނެއްކާވެސް އިތުރު ތާރީޚެއް ދީފި އެވެ.
ޕާސްޕޯޓު ބުކްލެޓް ޕްރިންޓްކުރާ މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ރާއްޖެއަށް ޕާސްޕޯޓު ސްޓޮކް ލިބުން ލަސްވާތީ، މިހާރު ހުރި ސްޓޮކް މެނޭޖްކުރުމަށްޓަކައި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް މޯލްޑިވްސް އިމިގްރޭޝަން އިން ބޮޑެތި ބަދަލުތަކެއް ގެނެސްފައިވަނީ މިއަހަރުގެ އޯގަސްޓު މަހު އެވެ.
އިމިގްރޭޝަން އިން ހާމަކުރި ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ޕާސްޕޯޓު ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓް ހައުސް މެޝިންތަކަށް ދިމާވި މައްސަލަ މިހާރު ހައްލުކުރެވިފައިވީ ނަމަވެސް، އެކަމަށް އަންދާޒާކުރި ވަރަށް ވުރެ ގިނަ ދުވަސް ވަނީ ހޭދަވެފަ އެވެ.
އެހެންކަމުން ކުރިން ކަނޑައެޅި ތާރީޚަށް ސްޓޮކް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރުމާއެކު، އައު ސްޓޮކް ސެޕްޓެންބަރު މަހުގެ ނިޔަލަށް ލިބޭނެކަމަށް ބެލެވޭކަމަށް އެ އިދާރާއިން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންނަމަވެސް އައު ޕާސްޕޯޓު ސްޓޮކް ލިބި، އާންމު ހާލަތަށް އަންނާނީ އަންނަ ހަފުތާގައި ކަމަށް އިމިގްރޭޝަނުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފަ އެވެ.
މި ހާލަތާ ގުޅިގެން އޭރު ގެނައި ބަދަލުތަކުގެ ދަށުން، ރާއްޖޭގައި ތިބި މީހުންގެ ތެރެއިން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް މިހާރު އައު ބުކްލެޓެއް ދޫނުކުރާނެ އެވެ. އޭގެ ބަދަލުގައި އެ ފަރާތްތަކުން މިހާރު ބޭނުންކުރާ ޕާސްޕޯޓުގެ މުއްދަތު 2027 ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.
މި ހިދުމަތަކީ އެއްވެސް ފީއަކާ ނުލައި ހިލޭ ފޯރުކޮށްދޭނެ ހިދުމަތެއް ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
މީގެ އިތުރުން އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން އިންޑިއާ އަދި ސްރީލަންކާ ފަދަ ދިވެހީން އާންމުކޮށް ދަތުރުކުރާ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް "އިމަރޖެންސީ ޕާސްޕޯޓު" ދޫކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
މިއީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ، އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ 8 ސަފުހާގެ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. އިމަރޖެންސީ ޕާސްޕޯޓު ވެސް ދޫކުރާނީ އެއްވެސް ފީއަކާ ނުލަ އެވެ.