ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ފާސްވެގެން އަންނައިރު، ޖިނާއީ އިޖުރާތުގެ ގާނޫނުގެ 192 ވަނަ މާއްދާއިން ފެށިގެން 197 ވަނަ މާއްދާ އުވާލުމުން އެދޭތެރެއިން ގާނޫނީ ހުސްކަމެއް އައުމުގެ ފުރުސަތު އޮތުމުގެ ސަބަބަން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މެންބަރު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. އެގޮތުން މެންބަރު ޝަމްހީދު ވިދާޅުވީ، މިފަދަ "ކޮމްޕްލިކޭޓެޑް" ގާނޫނުތައް ގެނައި ނަމަވެސް މި ބޭނުން ކުރާނީ ސިޔާސީ ބޭނުމަށް ކަމަށެވެ. އަދި މިއަދާއި ހަމައަށް މިފަދަ ގާނޫނުތައް ބޭނުންކޮށްގެން ބިރު ދެއްކުން ނޫން ކަމެއް ކޮށްފައި ނެތް ކަމަށް ޝަމްހީދު ވިދާޅުވި އެވެ. 

މެންބަރު ޝަމްހީދު ވަނީ މިފަދަ ގާނޫނުތައް މަޖިލީހަށް ގެނެސްގެން ރައްޔިތުންގެ ފައިސާއާ މެދު ކަންބޮޑުވެގެން އެ ވާހަކަ ދެއްކުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާ އެންމެ ބޮޑަށް އިސްރާފު މިކުރަނީ ބޭކާރު ވަޒީފާތައް އުފައްދައިގެން ކަމަށާއި، އަމިއްލަ ޕާޓީ ކުރި އެރުވުމަށް ވާޒީފަތައް ބެހުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. 

އަމިއްލަ ޕާޓީ މީހުންނަށް އެއްވެސް މަސައްކަތެއްނުކޮށް ތިމާގެ އަމިއްލަ ޖާހަތާއި އަމިއްލަ ކުރިއެރުމަށް ރައްޔިތުންގެ ފައިސާ ބޭނުންކުރުން ކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވަނީ، އެއީ ކުށަކަށް ނުވެ ފިހާރައެއްގައި ހުރި އެއްޗެއް ވަގަށް ނަގައިގެން ކުށްވެރިއަކަށް ވާނީ ކިހިނެއްތޯ ސުވާލު އުފައްދާފަ އެވެ.

ހަމައެއާއެކު، ދިވެހިރާއްޖޭގެ ގާނޫނު ހުރިހާ ރައްޔިތުންގެ މެދުގައި އެއްހަމައެއްގައި ނުހިނގާ ކަމަށް މެންބަރު ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ.

އަބަދުވެސް ކިޔާ ވާހަކައެއް ރިހާކުރުފުޅި ވަގަށް ނަގާ މީހާއަށް ޖަލު ހުކުމް. އެއީ ހަމަ ހަގީގަތެއް، މި ރާއްޖޭގައި ގާނޫނެއް އެއްހަމައެއްގައި އެންމެންގެ މައްޗަށް ނުހިނގާ. އެ ނުހިނގާހާ ހިނދެއްގައި މިކަހަލަ ކިތަންމެ ގާނޫނެއް އަޅުގަނޑުމެން މަޖިލީހަށް ގެނެސް ބަހުސް ކުރިއަސް އެޔަކުން ވާނެ ފައިދާއެއް ނެތް 
ޑރ. އަހްމަދު ޝަމްހީދު

މީގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ އެއްވެސް ރައްޔިތަކު އިތުބާރު ކުރާ މުއައްސަސާއެއް ނޫން ކަމަށާއި، މިހާތަނަށް އޭސީސީއަށް ކުރެވުނުހާ ވެސް ކަމަކީ އަވަސްއަރުވާލާފައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ ކުށެެއްގެ ތަހުގީގު ކުރުމަށް އަންގައި، އޭގެ ސަބަބުން އެ ބޭފުޅުންގެ ފަނޑިޔާރުކަން ގެއްލިގެން ދިޔުންކަން ޝަމްހީދު ފާހަގަކުރެއްވި އެވެ.