މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ( އެމްއޭސިއެލް) ގެ މުވައްޒަފުންނަށް ދޭ ބޯނަސް އަކީ ކޮންމެހެން ދޭން ޖެހޭ ގޮތަށް އޮންނަ އެއްޗެއް ނޫން ކަމަށް އެ ކުންފުނިން ބުނެފި އެވެ. 

އެމްއޭސީއެލް އިން މިފަދައިން ބުނެފައިވަނީ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގެ ތެރެއިން އެ ކުންފުންޏަށް ގުޅުމުންނެވެ. އެގޮތުން، މިއަހަރު އެމްއޭސީއެލް މުވައްޒަފުންނަށް ބޯނަސް ދީފައިވޭތޯ ސުވާލު ކުރުމުން ޖަވާބުގައި ބުނީ އަދި ބޯނަސް ނުދޭ ކަމަށެވެ.

ބޯނަސް ދޭން ޖެހެނީ ކިހާތަނަކުތޯ ސުވާލުކުރުމުން އެމްއޭސީއެލްއިން ވަނީ ބޯނަސް އަކީ ދޭން ޖެހޭ ގޮތަށް އޮންނަ އެއްޗެއް ނޫން ކަމަށާއި އަދި މިއަހަރު ދޭ ގޮތަށް ނުނިންމާ ކަމަށް ބުނެފަ އެވެ. ކޮންމެ އަހަރަކު ވެސް ބޯނަސް ދެނީ އަހަރީ އާންމު ޖަލްސާގެ ނިންމުމަށް ފަހުކަން ފާހަގަކޮށް އެ ކުންފުނިން ބުނީ މިއަހަރުގެ އާންމު ޖަލްސާ ބާއްވާ ދުވަސް އަދި ހަމަޖެހިފައި ނުވާ ކަމަށެވެ. 

މީގެއިތުރުން އެމްއޭސީއެލް އިން ވަނީ ބޯނަސް ދޭން ފެށީ ވަރަށް ފަހުން ކަމަށާއި ދޭން ފެށިފަހުން ބޯނަސް ނުދޭ އަހަރެއް ނުދާ ކަމަށް ވެސް ބުނެފަ އެވެ.  

އެމްއޭސީއެލްއިން އަންނަނީ ބޯނަސްގެ ގޮތުގައި އެ ކުންފުނީގެ ކޮންމެ މުވައްޒަފަކަށް 25،000 ރުފިޔާ ދެމުންނެވެ. އެގޮތުން، ދައުލަތުގެ ހިއްސާ އޮންނަ އެ ކުންފުނިން 2022 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި ބޯނަސް ދެމުންގޮސްފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.