އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި އައްޑޫ ސިޓީގެ އެންމެ ބޮޑު އެއް ޑްރަގު ޑީލަރު ޕްރޯލް ބޯޑުން މިނިވަންކޮށްފި އެވެ. 

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޑްރަގް އެތެރެކުރުމުގެ ބޮޑެއް ކަމަށްވާ އިބްރާހީމް ރަޝީދު (އަބުޗާ) ޕެރޯލް ބޯޑުން މިނިވަންކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ނަމަވެސް އެ ނިންމުން ނިންމީ ކޮން ކަމަކަށް ބަލާފާކަމެއް އަދި ސާފުވެފައެއް ނުވެ އެވެ.

އިބްރާހީމް ރަޝީދު (އަބުޗާ) ހައްޔަރުކުރީ 2020 ވަނަ އަހަރުއައްޑޫގައި ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި އޮޕަރޭޝަނެއްގައި އެވެ. އެގޮތުން އެ އޮޕަރޭޝަނުގައި 80 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވެ އެވެ. 

އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަބުޗާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2025 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. މި ހުކުމް އިއްވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. 

މި މައްސަލައިގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއަށް އޭނާ އިއުތިރާފުވެ، ދައުލަތާއެކު އެއްބަސްވުމެއް ވަނީ ހަދާފަ އެވެ. އޭނާގެ މައްޗަށް ކޯޓުން 50 އަހަރުގެ ޖަލު ހުކުމެއް ކުރި ނަމަވެސް، އިއުތިރާފުވުމުން ދިން ލުޔެއްގެ ގޮތުން އެ ހުކުމް ވަނީ 25 އަހަރަށް ކުޑަކޮށް ދީފަ އެވެ. 

ފުލުހުން މީގެ ކުރިން މި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދިން ގޮތުގައި، 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަބުޗާ އަތުން 61 ކިލޯގެ ޑައިމޯފިނާއި 17.97 ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓް އަތުލައިގަނެފައިވެ އެވެ. މި އޮޕަރޭޝަނުގައި އޭނާއާއެކު އިތުރު 17 މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.

ޕެރޯލް ބޯޑަކީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ބޯޑެކެވެ. މި ބޯޑު ހިންގަނީ،  ހޯމްލޭންޑް މިނިސްޓްރީ ދަށުން ހިންގާ ކަރެކްޝަންސް ސަރވިސްގެ ބެލުމުގެ ދަށުންނެވެ. އަދި ބޯޑުގެ އެންމެހާ ކަންކަން ހިނގާ ނުހިނގާ ގޮތް ބަލައި، ގާނޫނުގެ ދަށުން ހުކުމް ތަންފީޒު ކުރާ މީހުން ދޫކުރުމަށްޓަކައި އަދި ޕެރޯލް ނިޒާމް އެކަށީގެންވާ ގޮތެއްގައި ހިންގައި ދެމެހެއްޓުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ބަލަހައްޓަން ގާނޫނުގެ 127 ވަނަ މާއްދާގައި ޒިންމާ މަތިކޮށްފައި ވަނީ ކަރެކްޝަންސްގެ ކޮމިޝަނަރަށެވެ.