ދިވެހިންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ހިއްކި ބިން، ޒަޔަނިސްޓުންގެ މަސްލަހަތު ހިމެނޭ ބަޔަކަށް ހިލޭ ދޫކޮށްލަން ސަރުކާރުން ނިންމީ ކާކަށް ކިހާވަރަކަށް ކޯއްޗެއް ލިބިގެންތޯ ވިދާޅުވެ އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ސުވާލު އުފައްދަވައިފި އެވެ.
އެކްސްގައި ހޯމަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ޝެއިޚް އިމްރާން ވަނީ ދިވެހި ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހިއްކި ބިން، ޒަޔަނިސްޓުންގެ މަސްލަހަތު ހިމެނޭ ބަޔަކަށް ހިލޭ ދޫކޮށްލަން ސަރުކާރުން ނިންމީ ކާކަށް ކިހާވަރަކަށް ކޯއްޗެއް ލިބިގެންތޯ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ.
މީގެ ކުރިން ވެސް ޝެއިޚް އިމްރާން ވަނީ ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސްއަށް ދިނުމާ ގުޅޭގޮތުން ވަރަށް ބޮޑަށް މިސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.
ޝެއިޚް އިމްރާން ވިދާޅުވީ، ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މި މުއާމަލާތާ ގުޅޭގޮތުން ލިބެންހުރި މައުލޫމާތަށް ބަލާއިރު މިއީ ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުވި ފަދައިން، ދިގުމުއްދަތުގައި ދިވެހިރާއްޖެ ޔަހޫދީންނަށް ދޫކޮށްލުމަށް ރާވާފައިވާ ނުރައްކާތެރި ޣަދަރުވެރި ރޭވުމެއް ކަމަށެވެ.
ދީނާއި ގައުމާމެދު ޣީރަތްތެރިކަމެއް ހިތުގައި އޮތް ބަޔަކު މިވަރުގެ ނުލަފާކަމެއް ނުކުރާނެކަން ފާހަގަކުރައްވައި ޝެއިޚް އިމްރާން ވަނީ މި މުއާމަލާތް އިތުރަށް ކުރިއަށް ނުގެންގޮސް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.
ޝެއިޚް އިމްރާންގެ އިތުރުން، ސިޔާސީ ގިނަ ބޭފުޅުންނާއި ރައްޔިތުން މަޖިލީިހުގެ މެންބަރު ވެސް ވަނީ މިއީ ރައީސް މުއިއްޒު އާއި މިސަރުކާރުގެ ބޭފުޅުން ފައިސާ ނެގުމަށް ހިންގާ ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި މިއީ ރިޔާސީ އިންތިޚާބަށް ފަންޑު ހޯދުމަށް ކަޓުނަގާ ޕްރޮޖެކްޓެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.