މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

ހޯމަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ، އެ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑްރިންގ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް 4 އޮކްޓޯބަރ 2026 ގައި ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. 

އެގޮތުން، މި މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ގޮތުގައި، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓުގެ ދެ ޗެކަކުން، ހ. ސާމަރާ، އަހުމަދު އަދީބު އަބްދުލްޣަފޫރު މެދުވެރިކޮށް މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އޭސީސީ އިން ބުނެ އެވެ. 

އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް އެދުވަސްވަރު މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ހިންގުމުގައި އިސްކޮށް އުޅުނު ފަރާތަށް ޝައްކުކުރެވޭނެ ހާލަތެއް އޮއްވައި، އެ ފައިސާ މޮންޓިލިއަންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްފައިވާކަން ވެސް ތަހުޤީޤަށް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ. 

މިމައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ޤާނޫނު ނަންބަރު 2014/10 (މަނީލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާއާއި އެ ޤާނޫނުގެ 58 ވަނަ މާއްދާގެ ދަށުންނެވެ.

އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ވެސް އޭސީސީ އިން ވާނީ ނިންމާފަ އެވެ.

މި މައްސަލައިގައި ހިމެނޭ މޮންޓިލިއަނަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު  ޓޫރިޒަމް މިނިސްޓަރުކަމަށް ވަޑައިގަތުމުގެ ކުރިން އޭނާގެ 35 އިންސައްތަ ހިއްސާ އޮތް ކުންފުންޏެކެވެ. ނަމަވެސް ފަހުން އެ ހިއްސާ އަދީބުގެ ބައްޕަގެ ނަން މައްޗަށް ވަނީ ބަދަލުކޮށްފަ އެވެ.