މުދައްރިސުންގެ އާންމު ހާލަތާއި ދުޅަހެޔޮ ކަމަށް އިސްކަންދީ، މަސައްކަތުގެ ބުރަ ލުއިކޮށް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ރަސްމީ 'އެކްސް' އެކައުންޓުގައި ހިއްސާ ކުރެއްވި މެސެޖެއްގައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކުރުމުގައި މުދައްރިސުން ފޯރުކޮށްދެއްވާ އިލްމާއި، ދެއްވާ އިރުޝާދާއި އަދި ކުރައްވާ އިޚްލާސްތެރި މަސައްކަތްތަކަށް އެމަނިކުފާނު ވަނީ ތައުރީފުކުރައްވާފަ އެވެ. 

ހަމަ މިޔާއެކު، ދަރިވަރުން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަށާއި، މުޖުތަމައުގެ ތަރައްގީ އަށް ޚިދުމަތް ކުރުމުގައި، މުދައްރިސުންގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އެފަރާތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން، އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މުދައްރިސުންގެ އާންމު ހާލަތާއި ދުޅަހެޔޮކަމަށް އިސްކަންދިނުމާއި، މަސައްކަތުގެ ބުރަ ލުއިކޮށްދިނުމާއި، މަސައްކަތުގެ މާހައުލު ރަނގަޅުކުރުމާއި، ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ. 

އަދި ކޮންމެ ދަރިވަރެއްގެ ކިބައިގައިވާ ހުނަރާއި ގާބިލުކަން އެންމެ ފުރިހަމައަށް ތަރައްގީ ކޮށްދިނުމަށް، މުދައްރިސުންނަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައި، ކިޔަވައިދިނުމުގެ ދާއިރާގެ އަގުވަޒަންކޮށް މުދައްރިސުންގެ ކުރިއެރުމަށް ވުނަކުރުމުގެ މުހިންމުކަން، އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ 'އެކްސް' މެދުވެރިކުރައްވައި މުދައްރިސުންނަށް ތަހުނިޔާ ވިދާޅުވެފަ އެވެ.

އެކަމަނާގެ މެސެޖުގައި، ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފުން އިތުރުވެ، ކްލާސްރޫމްތަކުގެ ވެށި ބަދަލުވަމުންދާ މި ދަނޑިވަޅުގައި، މުދައްރިސުންނަށް އައު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވާފައިވެ އެވެ. އަދި މި ބަދަލުތަކަށް ހޭނުމަށްޓަކައި، މުދައްރިސުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމާއި، މުދައްރިސުން ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، މުދައްރިސުންގެ ކެތްތެރިކަމާއި، އޯގާތެރިކަމާއި އަދި އިޚްލާސްތެރި ޚިދުމަތަށް އެކަމަނާ ޝުކުރު އަދާކުރައްވާފައިވެ އެވެ.