ޕީޕީއެމް، ޕީއެންސީ ފިކުރުގެ ވެރިކަމެއް އަންނަ ކޮންމެ ފަހަރަކު ސަރުކާރު ނިމިދާއިރު ކައުންސިލްތައް އޮންނަނީ ވިހައި މަރުވާ ބަލަހައްޓާ ތަނެއް ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިސަރުކާރަކީ ލާމަރުކަޒީ ނިޒާމާއި ޑިމޮކްރެޓިކް ޕްރޮސެސް އަދި ޑިމޮކްރެޓިކް ނިޒާމާއި ވަރަށް ބީރަށްޓެހި ސަރުކާރެއް ކަމަށެވެ.
ގާނޫނު އަސާސީއަށް އެތަށް ބަދަލެއް ގެނެސްފައިވާކަން ފާހަގަކުރައްވާ މެންބަރު ދީދީ ވިދާޅުވީ، ރައްޔިތުން ހޯދާފައިވާ މިނިވަންކަމާއި ބާރުވެރިކަން އަދި ލާމަރުކަޒީ ނިޒާމު މަޑުމަޑުން ރައީސް މުއިއްޒުގެ މުށުތެރެއަށް ލައްވަމުން ލައްވަމުން ގޮސް ހުރިހާ ކަމެއް މިހާރު ރައީސް މުއިއްޒުގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މިދޭތެރެއަކުން އެ ފާސްކުރި ގާނޫނުން، އެބޭފުޅުން ރައްޔިތުންގެ އިހުތިސާސްތަކުގެ ތެރޭގައި އޮންނަ ބިން މިނިސްޓަރަކު ބޭނުންވީމަ ބޭނުން ވަގުތަކު ނެގޭ ގޮތަށް އެ ހެދީ. ދެން މިހާރު ގޮސް ރަށްރަށުގައި ހުރި ހުރިހާ ބިމަކީ އެލްޖީއޭގެ މިލްކިއްޔާތުގެ ދަށުގައިވާތަން އަޅުގަނޑުމެންނަށް މިފެންނަނީ، ހަމަ އެގޮތަށް ރައްޔިތުން ވަރަށް ބުރަ މަސައްކަތުން ވަރަށް ގިނަ ދުވަސްތަކެއް ހޭދަކޮށްގެން ހޯދި ގާނޫނު އަސާސީގައި މިއޮތް ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު އަސާސް މިއީ އަތޮޅު ކައުންސިލް، އަތޮޅުތައް ވަކިން ހިންގޭނެ ގޮތަށް ފަރުމާކުރެވިފައި އޮތް ނިޒާމު އެހެން ނަމަވެސް އެވެސް މިހާރު އުވާލީއަހްމަދު ދީދީ
މެންބަރު ދީދީ ވިދާޅުވީ މިސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އޮފީހަކަށް އަތޮޅު ކައުންސިލްތައް ބަދަލުކޮށްފައިވާ ކަމަށެެވެ. އަދި މިސަރުކާރު ފާހަގަކުރެވެނީ ރައްޔިތުން ބޭނުންވާ ތަރައްގީއާ ދެކޮޅަށް މަސައްކަތް ކުރާ ސަރުކާރެއް ގޮތުގައި ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ބަހާއި އަމަލު ދިމާނުވާކަން ފާހަގަކުރައްވާ މެންބަރު ދީދީ ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަންއަކީ މިސަރުކާރު ކަމަށް ދައުވާ ކުރަމުން ދިޔަނަމަވެސް ފެނިގެން ދަނީ އެމްޑީޕީގެ ވެރިކަންތަކުގައި މި ބާރުތައް ރައްޔިތުންނަށް ދޫކުރާ މަންޒަރު ކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމުގެ އަސްލު ސިފައިގައި މަސައްކަތް ކުރަނީ އެމްޑީޕީ ސަރުކާރެއް އޮންނަ ފަހަރަކު ކަމަށް މެންބަރު ދީދީ ވިދާޅުވި އެވެ.
އެކި ނަން ނަމުގައި އަންނަ ޕީޕީއެމް އަދި ޕީއެންސީ ފިކުރުގެ ސަރުކާރުތަކުން އަބަދުވެސް ދަނީ ކައުންސިލްތަކުގެ ބާރުތައް ނަގަމުން ކަމަަށް މެންބަރު ދީދީ ވިދާޅުވި އެވެ. އަދި ސަރުކާރެއް ނިމިދާއިރު ކައުންސިލްތައް އޮންނަނީ ހަމައެކަނި ވިހައިމަރުވާ ބަލަހައްޓާ ތަނެއްގެ ގޮތުގައި މެންބަރު ދީދީ ސިފަކުރެއްވި އެވެ. މިސަރުކާރުން ވެސް ފެނިގެން ދަނީ އެ ލެވަލްއަށް ގެންދާ މަންޒަރު ކަމަށް ވެސް މެންބަރު ދީދީ ވަނީ ވިދާޅުވެފަ އެވެ.