"ދިވެހީންގެ ރާއްޖެ" ޝިއާރުގެ ދަށުން ވެރިކަމަށް އައި ޕީއެންސީން ދިވެހީންގެ އަތުން ދިވެހީންގެ ބިން ވިއްކަމުންދާ ކަމަށް ރައްޔިތުން މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު އަމީން ވިދާޅުވީ، މަކަރުވެރި ރޭވުމަކުން ވެރިކަމަށް އައި ބަޔަކު މިއަދު ދިވެހިންނަށް ހިއްކި ބިން ވިއްކާލަމުންދާ ކަމަށެވެ. އަދި މިސަރުކާރުގެ ބޭފުޅުންނަށް އިޝާރާތް ކުރައްވައި މެންބަރު އަމީން ވިދާޅުވީ، އިންޓަނޭޝަނަލް ބިޑިންގެ ދަށުން 25 އަހަރަށް ޖީއެމްއާރަށް އެއަރޕޯޓު ކުއްޔަށް ދިނުމުން ކެތްނުވި ކަމަށާއި، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ މަކަރުވެރި ރޭވުމަކުން މަސްލަހަތު ނަގާލި ކަމަށެވެ.

މީގެ އިތުރުން މެންބަރު އަމީން ވިދާޅުވީ، ދީނާއި މިއްލަތާއި ސިޔާދަތު ވިއްކާލަނީ ޖީބަށްލާ ފައިސާކޮޅަކަށް ކަމަށާއި، މި ބިންތަކަށް ވެރިވެގަންނަން އުޅޭ ފަރާތްތަކާ ދެކޮޅަށް މާދަމާ ދިވެހިންނަށް ތަޅައިފޮޅަން ޖެހި، ލޭ އޮހޮރުވައިގެން ޖާނުން ފިދާވެގެން ބިން ހޯދަން މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. 

ރާއްޖޭގައި އެހެން ބަޔަކަށް އައިސް ވަޒަންވެރިވުމަށް ތާއީދު ނުކުރެއްވޭނެކަން ފާހަގަކުރައްވައި މެންބަރު އަމީން ވަނީ މިކަމާ ދެކޮޅަށް އަޑުއުފުލި ވާހަކަ ތާރީޚަށްޓަކައި މަޖިލީހުގެ ޔައުމިއްޔާގައި ލިޔެވިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮންމެވެސް ވަރެއްގެ އިހުސާންތެރިކަމެއް ދިވެހި ގައުމަށް ހުންނަން ޖެހޭނެ އިއްޒަތްތެރި ރައީސް. މާދަމާ މި ވާހަކަ މި ދެއްކިއްޖެ ތާރީޚަށްޓަކައި ޔައުމިއްޔާގެ ލިޔެވޭނެތީ އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން މިކަމަށް ދެކޮޅު ހެދި ވާހަކަ އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން މިކަމަށް ދެކޮޅު. މި ތަނުގައި އެހެން ބަޔަކަށް އައިސް ވަޒަންވެރިވެވޭކަށް ނުޖެހޭނެ. ނުޖެހޭނެ އިއްޒަތްތެރި ރައީސް ވަޒަންވެރިވެވޭކަން. މާދަމާ މި ވާހަކަ މިއަދު އަޅުގަނޑުމެން ދެއްކީތީ އިއްޒަތްތެރި ރައީސް. މާދަމާ އެކުވެރިންނޭ ހަވާލޭ ވަތަން ލޯބިވާ ކިޔާ އަޅުގަނޑުމެންނަކަށް ނުދެވޭނެ. އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިން މިތާވެސް ތިބެން އޮތީ އިއްޒަތްތެރި ރައީސް
އަމީން ފައިސަލް

މެންބަރު އަމީން ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ހެދި ދިވެހިންނަށް ލިބެން ހުރި އަސާސީ ޚިދުމަތްތައް ނުލިބި ދަތިވަމުންދާ ކަމަށެވެ. އަދި ދިވެހީންނަށް އެތައް ގުނައަކުން ދަތިކުރުމަށްފަހު، މިއީ ދިވެހިންނަށް ބިނާކުރި ބޮޑު ސަހަރެއްގެ ގޮތުގައި ވެސް އޭނާ ސިފަކުރެއްވި އެވެ.