ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ
ހޯދުމަށްޓަކައި އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ދައުލަތުގެ
އިދާރާތަކަށް ހުށަހެޅިކަމަށް ތުހުމަތުކޮށް، ޖިނާއީ ދައުވާ ކޮށްގެން އުޅެނީ ތިނަދޫއަށް
ކުރިއެރުން އަންނަން ބޭނުން ނުވާ ބަޔަކު އަޑީގައި ތިބެގެން ކުރި ކަންކަމުގެ
ސަބަބުންކަމަށް އެ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ މި މައްސަލައިގެ
އަޑުއެހުމަށް ކޯޓަށް ހާޒިރުވެވަޑައިގެންނެވުމަށްފަހު ނުކުމެވަޑައިގެން ދެއްވި
އިންޓަވިއުއެއްގަ އެވެ. ސައުދު ވިދާޅުވީ، މިއީ ބަޔަކު ހަސަދަވެރިވެގެން ހުށަހެޅި
މައްސަލައެއް ކަމަށާއި، މިއީ ތިނަދޫއަށް ކުރިއެރުން އަންނަން ބޭނުން ނުވާ ބަޔަކު
އަޑީގައި ތިބެގެން ކުރާ ކަންކަން ކަމަށެވެ.

މި ކަންކަން ހިނގަމުންދާ ގޮތް ތިނަދޫ ރައްޔިތުންނަށް ވެސް
ސާފުކޮށް ފެންނަމުންދާކަމަށް ސައުދު ވިދާޅުވި އެވެ.

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ކްރިމިނަލް ކޯޓުގެ ބޭރުގައި ހުންނަވާ ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ

ހޯމަ ދުވަހު ކޯޓުން ވަނީ މައްސަލައިގެ
ލިޔެކިޔުންތައް މޭޔަރު ސައުދުއާ ހަވާލުކޮށްފަ އެވެ.

މި މައްސަލައިގައި ސައުދުގެ މައްޗަށް
އުފުލާފައިވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ދައުވާ އާއި ރަސްމީ
އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނި
ގޮތުގައި، އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ދައުވާ ސައުދުގެ މައްޗަށް
ކުރަނީ، ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ލިބުމަށް ބޭނުންވާ 10،000 މީހުންގެ އާބާދީ
ހަމަވާ ރަށެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކޮށްފައިވާތީ އެވެ. އެގޮތުން
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އޭނާ ސޮއިކޮށް ފޮނުވި އާބާދީ
ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި ސައްހަކަން ކަށަވަރުނުކުރެވޭ
މައުލޫމާތު ހިމަނާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

މީގެ އިތުރުން، އެލްޖީއޭއިން އައިޑީ ކާޑު
ނަންބަރު ހިމެނޭ ސައްހަ ލިސްޓެއް ހިއްސާކުރުމަށް އެދުމުން، ސައުދު ސޮއިކޮށް ފޮނުވި
ދެވަނަ ލިސްޓުގައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި
އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނާފައިވާކަން ތަހުގީގަށް ހާމަވެފައިވާކަމަށް
ޕީޖީ އޮފީހުން ބުނެ އެވެ.

އެ ލިސްޓުގައި ތިނަދޫގެ އާބާދީއަކީ 10،150
މީހުން ކަމަށް ބުނެ ސައްހަނޫން މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ދައުވާގައި
ބުނެފައިވެ އެވެ.

މި ކުށް ސާބިތުވެއްޖެނަމަ، ކުށުގެގެ އަސާސީ
އަދަބެއްގެ ގޮތުގައި 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެކަމަށް
ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ.

ސައުދުގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާ
ކަމަށްވާ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލާފައިވަނީ، މި
މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީ ކަމަށް ވެސް
ޕީޖީ އޮފީހުން ބުނެ އެވެ.

އަދި ފުލުހުންގެ ހިދުމަތުން މި މައްސަލަ
ތަހުގީގު ކުރަމުންދިޔައިރު، ސިޓީއެއްގެ ދަރަޖަ ހޯދުމަށް ކައުންސިލުން ދައުލަތުގެ
އިދާރާތަކަށް ހުށަހެޅި އާބާދީ ލިސްޓުތައް ހިއްސާކުރުމަށް އެދުމުން، އެފަދަ
ލިސްޓެއް ފޮނުވިކަން ރެކޯޑު ކުރެވިފައިނުވާ ކަމަށް ބުނެ ސައުދު ސޮއިކޮށް ފެކްސް
މެސެޖެއް ފޮނުވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

މި ދައުވާގެ އަސާސީ އަދަބަކީ 4 މަހާއި 24
ދުވަހުގެ ޖަލު ހުކުމެކެވެ.