ރައްޔިތުންގެ މަޖިލީހުން ދުވަހަކުވެސް ފާސްނުކުރާ ވަރުގެ ބޮޑު ބަޖެޓެއް ސަރުކާރަށް ފާސްކޮށްދީފައިވާއިރު، އެއްވެސް ރަށެއްގައި ހިނގަންހުރި މަސައްކަތެއް ނުހިނގާ މުޅި ބަޖެޓު ހުސްވެގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ޣަފޫރު ވިދާޅުވީ، ރާއްޖޭގެ ކަންކަން ކުރަންޖެހޭނީ ދެފުށް ފެންނަ ގޮތަށް އެންމެހައި ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ކަމަށެވެ. އަދި އަމިއްލަ ޖީބަށް އެއްޗެއް ލުމުގެ ނިޔަތުގައި ކަންކަން ކޮށްގެން ގައުމަށް ފައިދާއެއް ނުވާނެ ކަމަށާއި، ވެރިކަން ކުރަންޖެހޭނީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމާއެކު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި ވެރިކަމުގެ ދައުރުގައި ރައްޔިތުންނަށް ވެފައިވާ ދައްޗަށް އިޝާރާތް ކުރައްވައި މެންބަރު ޣަފޫރު ވިދާޅުވީ 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށް ހުސްކޮށްލާއިރު، ރަށްރަށުގައި އެއްވެސް ކަމެއް ނުހިނގާ ކަމަށާއި، ރައްޔިތަކަށް ފައިދާއެއް ނުވާ ކަމަށެވެ. 

އަޅުގަނޑުމެން 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައި ދިނީމަ އެއީ ދުވަހަކު ވެސް މި ގައުމުގައި ފާސްކުރިވަރުގެ ބަޖެޓެއް ނޫން އިއްޒަތްތެރި ރައީސް. އެއްވެސް ރަށެއްގައި ހިނގަންހުރި އެއްވެސް މަސައްކަތެއް ނުހިނގާ މުޅި ބަޖެޓު ހުސްވެގެން މި ދަނީ
އަބްދުލްޣަފޫރު މޫސާ

ރަސްމާލެ މަޝްރޫއަށް އިޝާރާތް ކުރައްވައި މެންބަރު ޣަފޫރު ވިދާޅުވީ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސްއަށް ދިނުން ސަރުކާރުން ހާމަކުރަންޖެހޭ ކަމަށެވެ. މިފަދަ ކަންކަން ސިއްރިއްޔާތުގައި ވަގަށް ކުރަނީ ޖީބަށް އެއްޗެއް ލުމުގެ ބޭނުމުގައި ކަމަށް ގަބޫލުކުރެވޭ ކަމަށާއި، މިއީ ރައްޔިތުން ބަލައިގަންނާނެ ގޮތެއް ނޫން ކަމަށް ޣަފޫރު ވިދާޅުވި އެވެ.

މީގެ އިތުރުން މެންބަރު ޣަފޫރު ވިދާޅުވީ، ބޮޑެތި ޕްރޮޖެކްޓްތަކުގެ ވާހަކަ ދައްކާއިރު ސެންޓްރަލް ބޭންކަށް އެންމެ ޑޮލަރެއްވެސް ނުވަންނަ ކަމަށާއި، ރައްޔިތުންނާއި ވިޔަފާރިވެރިން ތިބީ އިންތިހާއަށް ތަކުލީފު އުފުލައި ވިޔަފާރިތައް ހުއްޓާލަންޖެހޭ ހިސާބުގައި ކަމަށެވެ. އަދި މިއަދު އެކަންކަމަށް ދޭނެ ޖަވާބެއް އަދި އެޅޭނެ ފިޔަވަޅެއް ސަރުކާރުގައި ނެތް ކަމަށްވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

މެންބަރު ޣަފޫރު ވިދާޅުވީ މިކަންކަމުގެ ތެރެއިން ރާއްޖޭގެ ބޭންކުތަކާއި އެމްއޭސީއެލް ފަދަ މުއައްސަސާތައް ފުނޑާލާފައިވާ ކަމަށެވެ.