ވިއެޓްނާމަށް
ގަވާއިދާ ހިލާފަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ދިވެހިރާއްޖޭގެ ރައްޔިތަކު
20 އަހަރަށް ޖަލަށްލުމަށް ވިއެޓްނާމްގެ ހާން ހޯ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުން ބުރާސްފަތި
ދުވަހު ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި
20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އުމުރުން 39 އަހަރުގެ މުހައްމަދު އަނިލްގެ
މައްޗަށެވެ. މީގެ އިތުރުން، ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ ވިއެޓްނާމުން ޑީޕޯޓްކޮށްލުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ދައުވާގައިވާ
ގޮތުން، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ހާން ހޯ ޕްރޮވިންސްގެ
ކޭމް ރާން އިންޓަނޭޝަނަލް އެއާޕޯޓުން ފަސިންޖަރުންގެ ދަބަސްތައް ޗެކްކުރުމުގެ ތެރޭގައި،
އަނިލްގެ ޗެކް-އިން ލަގެޖާއި އަތްދަބަހުގައި މަސްތުވާތަކެތި ހުރި ކަމަށް ކަސްޓަމްސް
އޮފިސަރުންނަށް ވަނީ ޝައްކު ކުރެވިފަ އެވެ.

ތައިލެންޑުގެ
ބެންކޮކުން ފުރައިގެން އައި ފްލައިޓަކުން އަނިލް ވިއެޓްނާމަށް އައުމުން، ކަސްޓަމްސް
އޮފިސަރުން އޭނާ ހިފަހައްޓައި، ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން އޭނާގެ ދަބަސްތައް
ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ ޕެކެޓްތަކެއް ވަނީ ފެނިފަ އެވެ.

މި މައްސަލައިގެ
ތަހުގީގުގެ ތެރެއިން ހެދި ޓެސްޓުތަކުން ދެއްކި ގޮތުގައި، އަނިލް އަމިއްލައަށް މަސްތުވާތަކެތި
ބޭނުންކޮށްފައެއް ނުވެ އެވެ.

ތަހުގީގުން
ހާމަވެފައިވާ ގޮތުގައި، 2025 ނޮވެމްބަރު 7 ވަނަ ދުވަހު ބެންކޮކްގެ ހޮޓަލެއްގައި ހުއްޓާ،
"އަފޫ" ކިޔާ މީހަކު ވަނީ ތައިލެންޑުން ވިއެޓްނާމަށް މަސްތުވާތަކެތީގެ ހަ
ޕެކެޓް އުފުލައިދިނުމަށް އަނިލްއާ ހަވާލުކޮށްފަ އެވެ. ނަމަވެސް މި "އަފޫ"
އަކީ ކާކުކަމެއް އަދި އޭނާ މިހާރު އުޅޭ ތަނެއް ތަހުގީގަށް ހޯދިފައެއް ނުވެ އެވެ.

ތައިލެންޑުގެ
ޕަޓާޔާ ސަރަހައްދުގައި ދިރިއުޅޭ އަފޫ، އަނިލް ގާތު ބުނެފައިވަނީ އޭނާ ވިއެޓްނާމަށް
ދިއުމުން އެ ތަކެއްޗާ ހަވާލުވުމަށް މީހަކު ގުޅާނެ ކަމަށެވެ.

މި ތަކެތި
ކާމިޔާބުކަމާއެކު ވިއެޓްނާމަށް ގެންގޮސްދީފިނަމަ އުޖޫރައެއްގެ ގޮތުގައި 1،000 އެމެރިކާ
ޑޮލަރު ދޭނެ ކަމަށް އަފޫ ވަނީ އަނިލްއަށް ވައުދުވެފަ އެވެ. އަދި ކެއުމާއި ދަތުރުގެ ހަރަދަށް
ކުރިއާލައި 500 ޑޮލަރު ދިނުމަށްފަހު، އަފޫ ވަނީ އަނިލްގެ ފޮއްޓަށް އެ މަސްތުވާތަކެތި
އަޅާފަ އެވެ.

އަނިލް ވިއެޓްނާމަށް
ދަތުރުކޮށް، ކޭމް ރާން އިންޓަނޭޝަނަލް އެއާޕޯޓުގެ އިމިގްރޭޝަން މަރުހަލާތައް ފުރިހަމަކުރަމުން
ދަނިކޮށް، އޭނާ އަތުން މި މަސްތުވާތަކެތި ވަނީ އަތުލައިގަނެފަ އެވެ.

އަނިލް ގަވާއިދާ
ހިލާފަށް އުފުލި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 1،545.6893 ގްރާމެވެ. މީގެ ތެރޭގައި
ހިމެނެނީ 1،067.2293 ގްރާމްގެ މެފެޑްރޯން އާއި
478.46 ގްރާމްގެ އަލްފާ-ޕީއައިއެޗްޕީ އެވެ.

މި މައްސަލައިގައި
ކޯޓުން ވަނީ އަނިލް 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، ހުކުމް ތަންފީޒުކޮށް ނިމުމުން
އޭނާ ވިއެޓްނާމުން ބޭރުކޮށްލުމަށް އަމުރުކޮށްފަ އެވެ.