ރަސްމާލެ
މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދިއުމުގެ ސަބަބުން ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައިވާ
ކަމަށާއި، އެތަން ހިއްކުމަށްފަހު ރިޔާސީ އިންތިޚާބަށް ފަންޑު ހޯދުމުގެ ކަޓުނަގާ ޕްރޮޖެކްޓަކަށް
ހަދާފައިވާކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ތުހުމަތުކުރައްވައިފި އެވެ.
ހޯމަ ދުވަހުގެ
މަޖިލިސް ޖަލްސާގައި މެންބަރު މައުރޫފް މިފަދައިން ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން
ސިއްރުކޮށްފައިވާތީ އެކަމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ
ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
މެންބަރު
މައުރޫފް ވިދާޅުވީ، ރަސްމާލެ މަޝްރޫއަށް ސަރުކާރުން ހުރިހާ ފޯކަސްއެއް ދީގެން އެތަން
ހިއްކަން އުޅޭތީ، ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ގާއިމުނުކޮށްދެވިގެން އުޅޭ ކަމަށެވެ.
ރަށްރަށުގައި ކުރަންޖެހޭ މަޝްރޫއުތައް ހުއްޓިފައިވާއިރު، ސަރުކާރުގެ އެންމެ ބޮޑު އިސްކަމަކީ
ރަސްމާލެ ހިއްކާ ނިންމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން
މެންބަރު މައުރޫފް ފާހަގަކުރެއްވީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވެ، ޑޮލަރު
ލިބުން ދަތިވެ، އެތައް ކަމެއް ހިނގަމުންދާއިރު، ސަރުކާރުން އުޅެނީ ރަސްމާލެ ހިއްކުމަށް
ކަމަށެވެ.
އެންމެ ފަހުން
އެތަން ހިއްކުމަށްފަހު ސަރުކާރުން އެތަން މި ހެދީ ރިޔާސީ އިންތިޚާބަށް ފަންޑު ހޯދަން
ކަޓުނަގާ ޕްރޮޖެކްޓަކަށް ކަމަށް މެންބަރު މައުރޫފް ތުހުމަތުކުރެއްވި އެވެ.
ރަސްމާލެ
މަޝްރޫއަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށްވާއިރު،
އެ މަޝްރޫއުގެ އެއްބަސްވުން ސިއްރުކޮށްފައި އޮތުމުން އިދިކޮޅު މެންބަރުން ދަނީ ސުވާލު
އުފައްދަމުންނެވެ.