ރަސްމާލެ
މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން އަބޫދާބީގެ އީގަލް
ހިލްސް ކުންފުންޏަށް 99 އަހަރަށް ދިން މައްސަލައިގައި ބޮޑެތި ޚިޔާނާތާއި
ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް، އެ މަޝްރޫއުގެ އެއްބަސްވުމާ ގުޅޭ
ތަފްސީލު ހާމަ ކުރުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު
ނަސީމް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

 މި މައްސަލައަކީ އީގަލް ހިލްސް ކުންފުންޏާއެކު ރަސްމާލެ
މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ރައްޔިތުންނަށް ހާމަކުރުމަށް
ސަރުކާރަށް ގޮވާލައި ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަ
ހުށަހަޅުއްވަމުން މެންބަރު މީކާއީލް ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ކަންބޮޑުވާންޖެހޭ
ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ އެއްބަސްވުމުގެ އެއްވެސް
ތަފްސީލެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައި ނުވުމަކީ އެންމެ ބޮޑު އެއް ކަންބޮޑުވުން
ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން،
ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަށްފަހު، އެ ބިން ހިއްކުމަށް ދައުލަތުން
ކުރި ބޮޑު ޚަރަދު އަނބުރާ ނުލިބޭގޮތަށް އެއްބަސްވުން އެކުލަވާލާފައިވާ ކަމަށް މެންބަރު
ތުހުމަތު ކުރެއްވި އެވެ. އަދި ރަސްމާލެއިން ހިއްކާފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް
99 އަހަރުގެ މުއްދަތަށް އީގަލް ހިލްސް ކުންފުންޏަށް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި
އެވެ.

މި އެއްބަސްވުމުގެ
ދަށުން އެ ބިން ދޫކޮށްފައިވަނީ އެއްވެސް އިކުއިޒިޝަން ކޯސްޓެއް ނުވަތަ ކުއްޔެއް ދައްކަން
ނުޖެހޭގޮތަށް ކަމަށް މީކާއީލް ފާހަގަކުރެއްވި އެވެ. ހަމައެއާއެކު، އެ ބިމުގައި ތަރައްޤީ
ކުރާ ތަންތަން ލީސްކުރުމުގެ ފުރިހަމަ ހައްޤު ވެސް އީގަލް ހިލްސް ކުންފުންޏަށް ލިބޭގޮތަށް
އެއްބަސްވުން އެކުލަވާލާފައި އޮތުމަކީ ދައުލަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއްގެ
ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މެންބަރު
މީކާއީލް އިތުރަށް ވިދާޅުވީ، ދައުލަތުގެ މިފަދަ ބޮޑު މަޝްރޫއެއްގެ އެއްބަސްވުން ސިއްރުކޮށްފައި
ބޭއްވުމަކީ ދައުލަތުގެ މުދަލާއި މާލިއްޔަތަށް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް
ލިބި، ކޮރަޕްޝަނަށް ނުހަނު ބޮޑަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އެހެންކަމުން މި އެއްބަސްވުމުގެ
ހުރިހާ ތަފްސީލެއް ކަމާބެހޭ މުއައްސަސާތަކަށާއި ރައްޔިތުންނަށް ހާމަކުރުމަކީ ކޮންމެހެން
ކުރަންޖެހޭ ކަމެއް ކަމަށް މި ކުއްލި މައްސަލައިގައި ބަޔާންކޮށްފައިވެ އެވެ.

މި
ކުއްލި މައްސަލަ ބަލައިގަނެ، ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވަނީ މައްސަލައަށް
ބަހުސްވެސް ކޮށްފަ އެވެ.

ރަސްމާލެ
މަޝްރޫއުގެ ދަށުން ހިއްކާ ބިމުން ވެލިފުކެއްގެ މިންވަރު ވެސް ބޭރުގެ އެއްވެސް ފަރާތަކަށް
ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެ ބިން
ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދޫކުރަން ނިންމުމާ ގުޅިގެން ބޮޑެތި
ފާޑުކިއުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ރައީސް
މުއިއްޒު މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ރަސްމާލެއަކީ ދިވެހިންގެ
މިލްކެއްގެ ގޮތުގައި އޮންނާނެ ތަނެއް ކަމަށާއި، އެތަނުން ބިން ބޭރުގެ ފަރާތްތަކަށް
ދިގު މުއްދަތަށް ދޫނުކުރައްވާނެ ކަމަށެވެ.