ނިމިދިޔަ
ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން މި ސަރުކާރުން އަތުލާފައިވާ ފްލެޓުތައް،
އެމްޑީޕީގެ ވެރިކަމެއްގައި އަލުން އޭގެ ހައްގުވެރިންނާ ހަވާލުކޮށް، ކުރީގެ އެއްބަސްވުންތަކަށް
އިހުތިރާމު ކުރައްވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލޭގެ ފްލެޓުތަކުގައި
ދިރިއުޅޭ ބައެއް ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރާއްޖެޓީވީއަށް ދެއްވި ޚާއްސަ
ބަސްދީގަތުމެއްގަ އެވެ.
ރައީސް ސޯލިހު
ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފްލެޓު ލިބޭނެކަމުގެ ލިޔުން ދީ، އެގްރީމަންޓު
ހަދާފައިވާ 300 އެއްހާ މީހުންގެ ފްލެޓުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން
އަތުލާފައިވާ ކަމަށެވެ. މީގެ ސަބަބުން އެތައް ރައްޔިތުންނެއްގެ ކަންބޮޑުވުންތަކާއި
ސުވާލުތައް އެމަނިކުފާނަށް އަމާޒުވަމުންދާކަން ފާހަގަކުރައްވައި، ރައީސް ސޯލިހު ވިދާޅުވީ
ދައުލަތުން ވެފައިވާ އެއްބަސްވުންތަކަށް ސަރުކާރުން އިހުތިރާމު ކުރަންޖެހޭނެ ކަމަށް
ގަބޫލުކުރައްވާ ކަމަށެވެ.
މި ސަރުކާރުން
އެ އެއްބަސްވުންތަކަށް އަމަލުނުކުރާނަމަ، ކުރިއަށް އޮތް އެމްޑީޕީގެ ވެރިކަމެއްގައި
އެ ފްލެޓުތައް އޭގެ ހައްގުވެރިންނަށް ލިބޭނެ ގޮތް ހަދައިދޭނެ ކަމުގެ ޔަގީންކަން ރައީސް
ސޯލިހު ވަނީ ދެއްވާފަ އެވެ.
މީގެ އިތުރުން،
މި ސަރުކާރުން 160 އެއްހާ ފްލެޓު ހިފަހައްޓައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ
ކަމަށާއި، އެ ފްލެޓުތައް ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް މަޑުމަޑުން ދެމުންދާ ކަމަށް
މައުލޫމާތު ލިބިފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހުޅުމާލޭގެ
ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމުން، މި ސަރުކާރުން ކުއްޔާއި
ޖޫރިމަނާއާ ގުޅިގެން ކުރިމަތިކުރަމުންދާ ދަތިތަކުގެ ޝަކުވާތައް ވަރަށް ގިނައިން ލިބެމުންދާ
ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ފްލެޓުތަކުގެ ފެންވަރާ މެދު ރައްޔިތުން ހިތްހަމަޖެހުނު
ނަމަވެސް، މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް
އުފުލަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ސޯލިހު
އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންނަށް ދިމާވެފައިވާ މި ދަތިތަކަށް
ހައްލު ހޯދައިދީ، ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ކަންކަން
ބަދަލުކޮށްދޭނެ ކަމަށެވެ. މި ބައްދަލުވުމުގައި ރައްޔިތުން ވަނީ މިހާރުގެ ސަރުކާރުން
ކަންކަން ކުރަމުންދާ ގޮތާ މެދު ހުރި ނުތަނަވަސްކަން ރައީސް ސޯލިހާ ހިއްސާކޮށްފަ އެވެ.