މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރެއަރ. ދޫޑިގަން / ޏ. ފުވައްމުލައް، މުޙައްމަދު ޖައުޝް ޝުޖާޢު (22އ) ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މިކަމުގެ ތަފްސީލު ހިއްސާކޮށް ފުލުހުން ބުނީ، ހުޅުމާލެ ފޭސް 1 ގައި ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު، ފުލުހުން ފެނުމުން އޭނާ ގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަަށް ބެލެވޭ އެއްޗެއްހުރި ސެލޯފިންކޮޅުތަކެއް ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 57 ގުރާމް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ޖައުޝް ޝުޖާޢުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަން ހާމަކޮށް ފުލުހުން ބުނީ، މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ދެ ބިދޭސީން ހައްޔަރުކޮށް އިމިގްރޭޝަންއާ ހަވާލު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ އާދިއްތަ ދުވަހު ބުނެފަ އެވެ.
މި އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް މާލޭ ގެއެއް ބަލައިފާސްކޮށްފައިވެ އެވެ. އެ ގެ ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 1677 ފުޅިއާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ 23 ފުޅިއާއި، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.