މިދިޔަ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހު، ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ. 

އެ މިނިސްޓްރީ އިން އާންމު ކޮށްފައިވާ "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓްސް" ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފަ އެވެ. އެގޮތުން ސެޕްޓެމްބަރު 30 ގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1،603،021 (އެއް މިލިއަން ހަ ލައްކަ ތިން ހާސް އެކާވީސް) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 3.4 އިންސައްތައިގެ ދަށްވުމެއް ކަމަށް ތަފާސްހިސާބުތަކުން ހާމަވެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ އިންނެވެ. އެގޮތުން ޗައިނާއިން 300،977 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 19.1 އިންސައްތަ އެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން 229،236 ފަތުރުވެރިން އައިސްފައިވާއިރު، ތިން ވަނައި ގައި އޮތް އިނގިރޭސިވިލާތުން 119،968 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މީގެ އިތުރުން ޖަރުމަނުވިލާތް، އިޓަލީ، އިންޑިއާ، އޮސްޓްރޭލިއާ، އެމެރިކާ، ފްރާންސް އަދި ސްޕެއިން ހިމެނެނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގަ އެވެ.

ފަތުރުވެރިން ރާއްޖޭގައި ހުރުމަށް އެންމެ ބޮޑަށް އިސްކަންދެނީ ރިސޯޓުތަކަށެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 73.7 އިންސައްތަ ފަތުރުވެރިން ރިސޯޓުތަކުގައި މަޑުކޮށްފައިވާއިރު، 22.0 އިންސައްތަ ފަތުރުވެރިން ހިޔާރު ކޮށްފަ އިވަނީ ގެސްޓްހައުސްތަކެވެ. މީގެ އިތުރުން ހޮޓާތަކުގައި 2.3 އިންސައްތަ އަދި ސަފާރީ އުޅަނދުފަހަރުގައި 1.9 އިންސައްތަ ފަތުރުވެރިން ވަނީ މަޑުކޮށްފަ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ކ. އަތޮޅަށެވެ. އެ އަތޮޅަށް 713،938 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ އެކޮމޮޑޭޝަން ކެޕޭސިޓީއަށް ބަލާއިރު، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 1،287 ފެސިލިޓީއެއްގައި 67،931 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ. މީގެ ތެރޭގައި 179 ރިސޯޓަކުން 45،141 އެނދާއި، 927 ގެސްޓްހައުސްއަކުން 16،810 އެނދު ހިމެނެ އެވެ. މީގެ އިތުރުން 16 ހޮޓަލަކުން 2،654 އެނދު އަދި 165 ސަފާރީ އުޅަނދަކުން 3،326 އެނދު އޮޕަރޭޝަނުގައި ހުރިކަން ފާހަގަކުރެވެއެވެ. މިއީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖުމްލަ އެނދުގެ 98.9 އިންސައްތަ އެވެ.