މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ދެ ބިދޭސީން ހައްޔަރުކޮށް އިމިގްރޭޝަންއާ ހަވާލުކޮށްފި އެވެ. 

ފުލުހުން ބުނީ، ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ވިޔަފާރިކޮށް އަދި މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެ ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕެރުމަލް މަޔަވަން، އިންޑިއާ (44އ) އާއި، ތުވަން ރިސްލިން ފަލީލް، ސްރީލަންކާ (35އ) އެވެ.

މި އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް މާލޭ ގެއެއް ބަލައިފާސްކޮށްފައިވެ އެވެ. އެ ގެ ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 1677 ފުޅިއާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ 23 ފުޅިއާއި، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ދެ މީހުން ވެސް މިހާރު ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.