މިމަހުގެ 5 އިން 9 އަށް ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔޫނިއަންގެ 153 ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަފުޅު ދައްކަވާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ. 

މަޖިލީހުގެ އިދާރާ އިން ބުނީ މި އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް، އަބްދުއްރަހީމް ޓެންޒޭނިއާގެ އަރޫޝާއަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި މި އެސެމްބްލީގައި، "އެންމެންގެ ޝާމިލުވުމާއި، އިތުބާރާއި، އަދި ފުރުސަތުތައް ފަހިކޮށްދީގެން ހެޔޮވެރިކަން ކުރިއެރުވުމާއި މުޖުތަމައުތައް ބާރުވެރިކުރުވުން" މި މައުޟޫއަށް އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، މާފަންނު މެދު ދާއިރާގެ މެންބަރު  އަސްމާ ރަޝީދު، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ، ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ، ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު، ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާ، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަހުމަދު ނިހާން ހުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގަންނަވާ ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ. 

މި އެސެމްބްލީ މި މަހުގެ 5 އިން 9 އަށް ކުރިއަށްދާއިރު، މި މަހުގެ 5 ވާ ހޯމަ ދުވަހު، މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ.