އއ. މާޅޮހު ކައުންސިލުން 2024 ވަނަ އަހަރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ބިމުގެ ދަފްތަރެއް އެކުލަވާލައި ޝާއިއުކޮށްފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އެ އޮފީހުން އާންމުކޮށްފައިވާ މާޅޮހު ކައުންސިލްގެ އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ (12) ގައި ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވާލައި، އެ ދަފްތަރު ބެލެހެއްޓުމާއި، ބިމާބެހޭ ގައުމީ ދަފްތަރު އެކުލަވާލައި، ބަލަހައްޓާ އިދާރާ އަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އެ ގާނޫނުގައި ކައުންސިލަށް މިލްކުވެގެންވާ ބިންތަކުގެ ތެރެއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި، ހުސްކޮށް ހުރި ބިންތައް އަދި ލޭންޑް ޔޫޒް ޕްލޭންގެ ދަށުން އެކި ކަންކަމަށް ބޭނުން ކުރެވޭނެ ބިމުގެ ދަފްތަރެއް އެ ކައުންސިލަކުން އެކުލަވާލައި، ގެޒެޓުގައި ޝާއިއުކުރަން ވާނެ ކަމަށް ވެސް ބަޔާންކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. 

އެހެން ނަމަވެސް މާޅޮހު ކައުންސިލްގެ އިދާރާ އިން އެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ކައުންސިލަށް މިލްކުވެގެންވާ ބިންތަކުގެ ތެރެއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި، ހުސްކޮށް ހުރި ބިންތައް އަދި ލޭންޑް ޔޫޒް ޕްލޭންގެ ދަށުން އެކި ކަންކަމަށް ބޭނުން ކުރެވޭނެ ބިމުގެ ދަފްތަރު އެކުލަވާލައި، ގެޒެޓުގައި ޝާއިއު ކޮށްފައިވާ ނުވާ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ. 

މިކަން އިސްލާހު ކުރުމަށް ލަފާދީ އެ އޮފީހުން ބުނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، ކައުންސިލަށް މިލްކުވެގެންވާ ބިންތަކުގެ ތެރެއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި، ހުސްކޮށް ހުރި ބިންތައް އަދި ލޭންޑް ޔޫޒް ޕްލޭންގެ ދަށުން އެކި ކަންކަމަށް ބޭނުން ކުރެވޭ ބިމުގެ ދަފްތަރެއް އެކުލަވާލައި، ގެޒެޓުގައި ޝާއިއުކުރުމަށް އަންގާ ކަމަށެވެ.