މާލެ ސިޓީއަށް ފާއިތުވި 30 އަހަރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލަ، ސިޓީ ކައުންސިލުން ހައްލުކޮށްފައިވަނީ ދައުލަތުގެ ބަޖެޓުން ލިބޭ 5  އިންސައްތަ ބޭނުންކޮށްގެން ކަމަށާއި، އެމްޑީޕީގެ ކައުންސިލްތަކުން ބަޖެޓު ރަނގަޅަށް ބޭނުން ކުރުމުގައި ނަމޫނާ ދައްކަމުންދާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 5 ވަނަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ  މި ސަރުކާރުން ކިތަންމެ ޖެއްސުމެއް ކުރިއަސް، އެމްޑީޕީ އިން އަބަދުވެސް ކަންތައްތައް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ލިބެނީ އެންމެ 5 އިންސައްތަ ކަމަށާއި އެހެން ނަމަވެސް އެ 5 އިންސައްތައިން މިއަދު ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ. މިއަދު އެ 5 އިންސައްތައަކީ ރާއްޖޭގައި އެންމެ ބޮޑަށް، އެންމެ ޓްރާންސްޕޭރަންޓުކޮށް އަދި އެންމެ ރަނގަޅަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ 5 އިންސައްތަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މާލޭގައި ފެން ހެދެމުންދާތާ 30 އަހަރަށްފަހު އަޅުގަނޑުމެން މި ފެން މި ހިންދީ ހަމަ މާލެ ސިޓީ ކައުންސިލަށް ލިބޭ 5 ޕަސެންޓުން. އެ ފެން ހެދޭއިރުގައި، 300 އަށް ވުރެ ގިނަ ގޭގެއަށް ފެންވަދޭ. އަދި 300 އަށް ވުރެ ގިނަ ގޭގޭގެ ކޮޓަރިތައް ވެސް ހަލާކުވެގެން ގޮސް، ކޮންމެ އަހަރަކު އެއް ފަހަރު ދެ ފަހަރު ހުރިހާ އެއްޗެއް ބަދަލުކުރަން ޖެހޭ. 30 އަހަރު ވެއްޖެ. އެކަމު އަޅުގަނޑުމެން އެކަން ބަދަލުކުރީ އެ 5 ޕަސެންޓުން. އެއްކަލަ މޭޔަރަށް ލިބުނު 5 ޕަސެންޓަށް ވީގޮތެއް އަޅުގަނޑުމެންނަކަށް ނޭނގުނު. އެ ބޭފުޅުންނަށް ޖެހުނީ މިތަނުގައި 80 ކަދުރު ރުއް. މިއީ ތަފާތަކީ. މިއީ އެމްޑީޕީ މީހުން ހިންގަން ތިބުމާ އެހެން މީހުން ހިންގަން ތިބުމާ ހުރި ތަފާތަކީ
އާދަމް އާޒިމް 

އާޒިމް ވިދާޅުވީ މިއީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ރަނގަޅަށް ހިންގަން އެނގުނީމަ ވާ ގޮތް ކަމަށެވެ.

މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން، ފާއިތު ދެ އަހަރުގެ ތެރޭގައި ކައުންސިލުން މާލޭގެ 182 މަގު މަރާމާތުކޮށްފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. މީގެ އިތުރުން މާލޭގެ ހުރިހާ މިސްކިތެއްގެ ހުރިހާ ފާހަނާއެއްގެ ތަށިމުށިތައް ބަދަލުކޮށްފައިވާ ކަމަށާއި މާލޭގެ ހުރިހާ މިސްކިތެއްގެ ކާޕެޓުތައް ވެސް ބަދަލުކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. 

އެގޮތުން މާލޭގެ ހުރިހާ މިސްކިތެއްގެ އާބާތުރަ ފިލުވާފައިވާ ކަމަށާއި މިއީ އެމްޑީޕީ އަށް ބާރުތައް ލިބުމުގެ ނަތީޖާ ކަމަށް އާޒިމް ވިދާޅުވި އެވެ. އެމްޑީޕީގެ ވެރިކަމެއްގައި، އެމްޑީޕީގެ ކައުންސިލެއްގައި ފައިސާ ރަނގަޅަށް ޚަރަދުކުރާ ކަމުގެ ނަމޫނާ އަބަދުވެސް ދައްކަމުންދާ ކަމަށާއި އެކަން ރައްޔިތުން މިއަދު ބަލައިގަންނަ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.