އަމިއްލަ ޚަރަދުގައި އެއަރޕޯޓެއް ތަރައްގީކުރަން ޖީއެމްއާރް އަށް 25 އަހަރަށް ކުއްޔަށް ދިނުމުން، ގައުމު ވިއްކާލި ކަމަށް ބުނެ ލާދީނީ ޓެގު އެޅުވި ބޭފުޅުން މިއަދު އަމަލުކުރައްވަމުން ގެންދަވަނީ ގައުމިއްޔަތާ މުޅިން ޚިލާފަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ 'ފަށާއިރު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ޖީއެމްއާރް އަށް އެއަރޕޯޓު ދިން މައްސަލައިގައި އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުން އެމްޑީޕީގެ ބޮލުގައި ލާދީނީ ޓެގު އެޅުވި ނަމަވެސް، މިއަދު ގައުމިއްޔަތޭ ކިޔައިގެން އެ ބޭފުޅުން ކުރައްވަމުން ގެންދަވަނީ ދީނާއި ގައުމިއްޔަތާ ޚިލާފު ކަންކަން ކަމަށެވެ. އަދި އެ ބޭފުޅުންގެ ޕީއާރު މަސައްކަތް ވަރުގަދަކަމުން ރައްޔިތުންނަށް އެކަންކަން އޮޅުވާލަމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ފައްޔާޒު ވިދާޅުވީ، ރަސްމާލެ ފަދަ ބޮޑު އިންވެސްޓްމަންޓެއް ގެނައުމަކީ ރަނގަޅު ޚިޔާލެއް ކަމަށް ވިޔަސް، މި މައްސަލައިގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ދިވެހިރާއްޖޭގެ ބިން ބޭރު ބަޔަކަށް ދާއިމަށް ދިނުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ފައްޔާޒު ވިދާޅުވީ، ދިވެހި ރައްޔިތެއް ނޫން މީހަކަށް ރާއްޖޭގެ ބިމެއް ދާއިމަށް ލިބުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، ސަރުކާރުން މިފަދަ ކަމެއް ކުރަން ބޭނުންވާނަމަ ރައްޔިތުންނާ ހަމައަށް އެ ވާހަކަ ގެންގޮސް، ބަހުސްކޮށް، ރައްޔިތުންގެ ރުހުން ހޯދަންޖެހޭނެ ކަމަށެވެ. 

މީގެ އިތުރުން، ސުޕަރ މެޖޯރިޓީ އޮވެގެން 5 މިނެޓު ތެރޭގައި ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބަދަލުގައި، ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ވާހަކަދެއްކުމުގެ ފުރުސަތު ދީގެން ރައްޔިތުންގެ ނިންމުމަކަށް ދާންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މިފަދަ ކަންކަމުގެ ނުރައްކާތެރިކަމުގެ މިސާލެއްގެ ގޮތުން ފަލަސްތީނުގެ މައްސަލަ ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، އޮޓޯމަން އެމްޕަޔަރގެ ދުވަސްވަރު ޒަޔަނިސްޓުން ފަލަސްތީނުގެ ބިންތައް ގަންނަން ފަށައި، އެތައް ސަތޭކަ އަހަރެއްގެ ތެރޭގައި އެ މީހުންނަށް އެ ބިމުގެ ހައްގުތަކެއް ލިބި މިއަދު ބޮޑު މައްސަލައަކަށް ބަދަލުވެފައިވާ ކަމަށެވެ.

ހަމައެހެންމެ، ރާއްޖޭގެ ރައްޔިތުކަން ނެތް މުސްލިމު ނޫން މީހުންނަށް ދާއިމަށް ބިން ދިނުމުން، ކުރިމަގުގައި އެ މީހުންގެ ހައްގުތަކާއި ދީނީ ކަންކަމަށް ޖާގަ ދިނުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ޕްރެޝަރު ކުރުމުގެ ބިރުވެރިކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ، ރައްޔިތުންގެ ބޭސްފަރުވާއާއި ރަށްރަށުގެ އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތައް ހުއްޓާލުމަށްފަހު، ދައުލަތުން ބޮޑު ޚަރަދެއް ކޮށްގެން ހިއްކި ރަސްމާލެއިން ބޭރުގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއަށް ބިން ދޫކޮށްލީ އިގުތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ބެލިޔަސް ވަރަށް ދޯހަޅި އަދި ގޯސް ނިންމުމަކުން ކަމަށެވެ.  

އެގޮތުން އެ ތަން ހިއްކަން ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރު އަރާއިރު، މިހާތަނަށް ހިއްކި ބަޔަށް ވެސް 700 އެއްހާ މިލިއަން ޑޮލަރުގެ ދަރަނި އޮތް ކަމަށް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގައުމުގެ ހުރިހާ ޑޮލަރެއް ނަގައި އެ މަޝްރޫއަށް އެޅުމުން ޑޮލަރުގެ އަގުބޮޑުވެ، ރައްޔިތުންނަށް އެތައް ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށް ފައްޔާޒު ފާހަގަކުރެއްވި އެވެ.

ރަސްމާލެ ވިއްކާލަން އުޅޭ ވާހަކައަކީ ދޮގެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ ތިން ހަފްތާއެއްހާ ދުވަސް ތެރޭގައި އެފަދަ ބޮޑު އެއްބަސްވުމެއްގައި ސޮއިކުރުމުން ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އެހެން ގައުމުތަކުގައި އީގަލް ހިލްސްއިން 30 އާއި 35 އިންސައްތަގެ ހިއްސާ ދައުލަތަށް ދޭއިރު، ރާއްޖޭގައި ހިލޭ ބިން ދީފައި އެންމެ 10 އިންސައްތަ ރެވެނިއުއަށް އެއްބަސްވީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

އީގަލް ހިލްސްއަކުންނެއް ތިން ހަފްތާތެރޭގައި އެކަމެއް ނުކުރާނެ. އެއީ އެއް ސަތޭކަ ޕަސެންޓް ޔަގީން ކަމެއް. އަޅުގަނޑަށް ޔަގީން އެތައް މަހެއް އެ ބޭފުޅުން ނަންގަވާނެ މި ކަހަލަ ނިންމުމަކަށް ދާން
ފައްޔާޒު އިސްމާއީލް

މި އެއްބަސްވުމުގެ ދަށުން 99 އަހަރަށް ބިން ދޭއިރު، އެ ކުންފުނިން އެ ބިންތައް ފޮތިކޮށް އެޕާޓްމަންޓް ހަދައިގެން ބޭރު މީހުންނަށް ދާއިމީ ގޮތެއްގައި ވިއްކޭނެ ފަދަ ވާހަކަތަކެއް އެ ކުންފުނީގެ ވެބްސައިޓުގައި ހުރި ނަމަވެސް، ސަރުކާރުން އެކަމުގެ ސާފު މައުލޫމާތެއް ހާމަނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުން އެމްޑީޕީން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ސަރުކާރުގެ ވަޒީފާތަކުގެ ބިރުވެރިކަން އޮތުމުގެ ސަބަބުން ރައްޔިތުން މުޒާހަރާތަކަށް ނުކުތުމަށް ޖެހިލުންވާ ކަމަށެވެ. ނަމަވެސް، މިއީ ވެރިކަމެއްގެ ކުރީކޮޅު ވާގޮތް ކަމަށާއި، ދުވަސްވާ ވަރަކަށް ރައްޔިތުންގެ ހިތްވަރު ގަދަވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.