ކައުންސިލްތަކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އާންމު ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ބިންތަކާއި ވަސީލަތްތައް، ވަކި ސިޔާސީ ޕާޓީއެއްގެ ފިކުރު ދިރުވައި ޕްރޮމޯޓުކުރުމަށް ބޭނުން ނުކުރެވޭނެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް އަންގައިފި އެވެ.

އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ސިޓީ ކައުންސިލްގެ ތަން ދީފައިވަނިކޮށް، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ސިޓީތަކާއި ރަށު ކައުންސިލްތަކަށް ސިޓީއެއް ފޮނުވާފަ އެވެ. އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ސޮއިކުރައްވައި  ހުރިހާ ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުންނަށް ފޮނުއްވި މި ސިޓީގައި، ބުނެފައިވަނީ، ކައުންސިލްތަކުގެ މުދަލާއި ވަސީލަތްތަކަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ދައުލަތުގެ މާލިއްޔާއިން ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

އެ އޮތޯރިޓީން ފާހަގަކުރި ގޮތުގައި، ކައުންސިލްތަކުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރަންވާނީ މީހަކު ނުވަތަ ބަޔަކު ނިސްބަތްވާ ސިޔާސީ ކުލައަކަށް ނުވަތަ އާއިލާއަކަށް ބެލުމެއްނެތި، ހަމަހަމަ އުސޫލަކުން ކަމަށް ލާމަރުކަޒީ ޤާނޫނުގެ 131.1 އިން 131.5 އަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން، ކައުންސިލް އިދާރާއާއި، އިދާރާގެ ގޯއްޗާއި އަދި ކައުންސިލުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އާންމު ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ބިންތަކުގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ފިކުރު ޕްރޮމޯޓުކުރުމަކީ ޤާނޫނުގެ އަސާސްތަކާ ޚިލާފު ކަމެއް ކަމަށް އެލްޖީއޭގެ ސިޓީގައި ބުނެފައި ވެއެވެ.

މީގެއިތުރުން، ކައުންސިލް އިދާރާއަކީ ރައްޔިތުން ޚިދުމަތް ހޯދުމަށް އަންނަ މުހިންމު ތަނަކަށް ވާއިރު، އެފަދަ ތަންތަނުގައި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދި، ލާމަރުކަޒީ ނިޒާމަށް އޮތް އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށްވެސް އެލްޖީއޭ އިން ވަނީ ބުނެފަ އެވެ.

އެހެންކަމުން، ކައުންސިލްތަކުގެ މުދަލާއި ވަސީލަތްތައް ވަކި ސިޔާސީ ޕާޓީއެއް ޕްރޮމޯޓުކުރުމަށް ނުވަތަ ވަކި ބަޔަކަށް މަންފާވާ ގޮތަށް ބޭނުން ނުކުރުމަށާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އެލްޖީއޭ އިން ވަނީ ހުރިހާ ކައުންސިލްތަކަށް އިލްތިމާސްކޮށްފަ އެވެ.

އެލްޖީއޭއިން މިހެން އަންގާފައިވާއިރު، އޮކްޓޯބަރު 1 ން 3ށް ކުރިއަށް ގެންދިޔަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 5 ވަނަ ކޮންގްރެސް މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިގައި ބާއްވަން ޖެހުނީ ސަރުކާރުގެ އެހެން އިމާރާތެއް އެ ޕާޓީއަށް ހަމަޖައްސާފައި ނުވާތީ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.

އެމްޑީޕީން ބުނި ގޮތުގައި، ކޮންގްރެސް ބޭއްވުމަށްޓަކައި ސަރުކާރުގެ އިމާރާތްތަކެއް ހަމަޖައްސައިދިނުމަށް އެދި ހުށަހެޅި ނަމަވެސް ތަނެއް ހަމަޖައްސައިދީފައި ނުވެ އެވެ.