ގާނޫނުއަސާސީ އާއި ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ހުށަހެޅުއްވި "ބޮޑު ބަދަލު" ސިޔާސަތު ކަރުދާސް، އެ ޕާޓީގެ ކޮންގްރެސްގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި އެވެ.

މި ހުށަހެޅުންތައް ހޮނިހިރު ދުވަހުގެ ކޮންގްރެސްގެ މެންދުރުފަހު ދަންފަޅިއަށް ހުށަހަޅުއްވާފައި ވަނީ އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ. އެ ގަރާރަށް ތާއީދު ކުރެއްވީ އެމްޑީޕީގެ މެމްބަރޝިޕް ކޮމިޓީގެ ކޯރ ޗެއަރ އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބް އެވެ. 

ޖުމްލަ 520 ވޯޓުން އެންޑޯޒްކުރެވުނު މި ގަރާރުގެ މައިގަނޑު މަގުސަދަކީ ގާނޫނުއަސާސީއަށާއި ވެރިކަމުގެ ވައްޓަފާޅިއަށާއި މަޖިލީހަށް ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އިގުތިސާދީ ފުދުންތެރިކަން ވަރުގަދަ ކުރުމެވެ. މި ގަރާރުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔާ ވަކިކޮށް، އެ މަގާމުތަކަށް މީހުން އައްޔަންކުރާ އުސޫލު ބަދަލު ކުރުމެވެ.

އެގޮތުން، ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބު ކުރާއިރު، ދައުލަތުގެ ވެރިޔާ އިންތިހާބު ކުރުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތަކުން ނަގާ ވޯޓަކުންނެވެ.

މީގެ އިތުރުން، މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުގެއަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓުވުމަށްޓަކައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިނިވަން ކޮމިޝަންތަކުގެ މެންބަރުން ވަކި ކުރުމަށް ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ގޮތަށް ހަމަޖެއްސުމަށް ވެސް ހުށަހަޅާފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އަތޮޅުތައް ރަނގަޅަށް ތަމްސީލުކުރުމުގެ ފުރުސަތު ދިނުމާއި، މަޖިލިސް މެންބަރުންގެ މަސައްކަތް ރަނގަޅު ނޫންނަމަ ރައްޔިތުންނަށް އެ މެންބަރުން ރިކޯލް ކުރުމުގެ (އާންމު ވޯޓަކުން މަގާމުން ވަކިކޮށް) ބާރުލިބޭ ގޮތަށް ކަންކަން ބަދަލުކުރުމަށް ވަނީ ހިމަނާފަ އެވެ.

ކޮންގްރެސްއަށް މި ގަރާރު ހުށަހަޅުއްވަމުން ފައްޔާޒު ވިދާޅުވީ، މިހާރު އޮތް ނިޒާމުގައި ރައްޔިތުންގެ ހައްގުތަކަށް ވުރެ ވެރިމީހާގެ ބާރުތައް މާބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ޚާއްސަކޮށް ސަރުކާރުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ގާނޫނު އަސާސީގެ ޗެކްސް އެންޑް ބެލެންސެސްގެ ނިޒާމު ނައްތާލަމުންދާކަން ފާހަގަކުރައްވައި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި މި ހިންގުމުގެ ނިޒާމާމެދު އަލުން ވިސްނާ ފިކުރުކުރަންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.  

ފައްޔާޒު ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާ އަދި އެ ބާރުތައް ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު ރައްޔިތުން ތަމްސީލުވާ މިންވަރާ ރައްޔިތުންގެ ބަސް ސީދާ އިއްވޭ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަ ކޮށްލާފައި ކަމަށެވެ.