ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ދޭ އަދަދު 3 ގުނަ އިތުރުކޮށް، ކައުންސިލް ހޮވަން ވޯޓުލެވޭ ގޮތް ބަދަލުކުރާ "ލާމަރުކަޒީ ސިޔާސަތު" އެމްޑީޕީގެ ކޮންގްރެސްއަށް ހާޒިރުވި މަންދޫބުންގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި އެވެ.

ލާމަރުކަޒީ ނިޒާމަށް ގެންނަން ފެންނަ ބަދަލުތައް ހިމަނައިގެން އެކުލަވާލާފައިވާ މި ހުށަހެޅުންތައް ހޮނިހިރު ދުވަހުގެ ކޮންގްރެސްގެ މެންދުރުފަހު ދަންފަޅިއަށް ހުށަހަޅުއްވާފައި ވަނީ އެ ޕާޓީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް އެވެ. 

ކައުންސިލް އިންތިހާބުތަކުގައި މިހާރު އޮންނަގޮތުން ދާއިމީ އެޑްރެސް އޮންނަ ރަށަކަށް ވޯޓުލާން މަޖުބޫރުވާ އުސޫލު ބަދަލުކޮށް، އެމީހަކު ދިރިއުޅޭ ރަށެއްގެ ކައުންސިލް ހޮވުމަށް ވޯޓުދިނުމުގެ އިހުތިޔާރު ލިބޭގޮތަށް އެމްޑީޕީގެ ކޮންގްރެސްއަށް ސިޔާސަތު ކަރުދާހެއް ހުށަހަޅާފައިވެ އެވެ.

ނިޔާޒް ހުށަހަޅުއްވައި، މަރިޔަމް ޝިއުނާ ތާއީދު ކުރައްވާފައިވާ މި ގަރާރުގައި އިސްލާހު ހުށަހަޅާފައި ވަނީ މައިގަނޑު 5 ދާއިރާ އަކުންނެވެ. އެ ގަރާރުގައިވާ އެންމެ ބޮޑު އެއް ކަމަކީ ކައުންސިލްތައް އިންތިހާބު ކުރާ އުސޫލު ބަދަލުކުރުމެވެ. މިގޮތުން، ދިރިއުޅޭ ރަށެއްގެ ރައްޔިތުންނަށް އެ ރަށެއްގެ ކައުންސިލަރުން އިންތިހާބު ކުރުމަށް ސީދާ ވޯޓުލެވޭނެ ގޮތް ހަމަޖެއްސުން ހިމެނެ އެވެ.

ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ މީގެ ކުރިން ކިތަންމެ ދިގުމުއްތަކަށް ރަށުން ބޭރުގައި އުޅުނު ނަމަވެސް ދާއިމީ އެޑްރެސް އޮންނަ ސަބަބުން އެ ރަށަކަށް ވޯޓުލާންޖެހޭ މަޖުބޫރުކަން ނިމުމަކަށް ގެނައުމެވެ. އަލީ ނިޔާޒު ފާހަގަކުރެއްވި ގޮތުގައި މި ބަދަލާއެކު މީހަކު ބޭނުންނަމަ އެމީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށަށް ނުވަތަ ސިޔާސީ ބޭނުންތަކަށްޓަކައި އެ ރަށަކަށް ވޯޓުލުމުގެ އިހުތިޔާރުވެސް ލިބިގެންދާނެ އެވެ.

މި ގަރާރު އެކުލަވާލާފައި ވަނީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ހިންގައިގެން މިހާތަނަށް ލިބިފައިވާ ތަޖުރިބާތަކާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި ލޯކަލް ކައުންސިލް އެސޯސިއޭޝަނުން މިކަމާ ގުޅޭގޮތުން ހަދާފައިވާ ދިރާސާތަކުގެ އަލީގައި ކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ.

ގަރާރުގައިވާ އެހެން ކަންކަމުގެ ތެރޭގައި، ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ދޭ 5 އިންސައްތައިގެ ގެ އަދަދު ތިން ގުނަ ބޮޑުކޮށް 15 އިންސައްތަ އަށް ބޮޑުކުރުމާއި، ގްރީން ފަންޑުގެ 20 އިންސައްތަ އާއި ބިމު ކުލީގެ 50 އިންސައްތަ އަދި މަރުކަޒީ ޓެކްސްތަކުގެ 5 އިންސައްތަ ކައުންސިލްތަކަށް ދިނުމާމެދު މަޝްވަރާކުރުމަށް ހުށަހަޅާފައިވެ އެވެ.

މީގެއިތުރުން، ކައުންސިލްތަކުގެ އިދާރީ ހިންގުން ސިވިލް ސަރވިސް އިން ވަކިކޮށް، މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުން އަދި ޕްރޮމޯޝަން ދިނުންފަދަ އިދާރީ ބާރުތައް ސީދާ ކައުންސިލްތަކަށް ދިނުމަށް ހިމަނާފައިވެ އެވެ. މި ކަރުދާހުގައި އިތުރަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި، ކައުންސިލްގެ ރައީސާއި ނައިބު ރައީސް ފިޔަވައި ދެން ތިބޭ މެންބަރުން ދުވަހުން ދުވަހަށް އޮފީހަށް ހާޒިރުވާން ނުޖެހޭގޮތަށް ބަދަލުކޮށް، ހާޒިރުވާ ޖަލްސާތަކަށް ނުވަތަ މަސައްކަތްތަކަށް ވަކި އެލެވަންސެއް ދިނުމާއެކު ގިނަ ދާއިރާތަކުން އިތުރު ކައުންސިލަރުން އިންތިހާބުކުރުމުގެ ފުރުސަތު ހުޅުވާލުން ހިމެނެ އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އުވާލައި، ކައުންސިލް ރައީސް ފިޔަވައި ދެން އިންތިހާބުކުރާ ކައުންސިލަރުންނަކީ ދެ ޖިންސަށް ހަމަހަމަ ގޮނޑިތަކެއް ލިބޭގޮތަށް އޮންނަ ނިޒާމަކަށް ލާމަރުކަޒީ ނިޒާމު ހެދުމަށް ވެސް އެ ގަރާރުގައިވެ އެވެ.

މި ގަރާރު ފާސްކޮށްފައި ވަނީ ހާޒިރުވެ ތިއްބެވި 564 މަންދޫބުންގެ ތެރެއިން 560 މަންދޫބުންގެ ވޯޓުންނެވެ.