ޒަޔަނިސްޓުންނާއި އެމީހުންނަށް ވާގިވެރިވާ މީހުންނަށް ރާއްޖޭގެ ރަށްވެހިކަންދީ، ވަޒަންވެރިކޮށްގެން ދިވެހިރާއްޖެ ރޫޅާލަން އެއްވެސް މީހަކަށް ފުރުސަތު ދީގެންނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސެއިން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރާއްޖޭގެ ބިންތަކާއި ރަށްވެހިކަން ބޭރުގެ ފަރާތްތަކަށް ވިއްކުމާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުއްލަވާ އަލީ ހުސެއިން މީގެ ކުރިން ވެސް ވިދާޅުވެފައިވަނީ، ބިދޭސީން ރާއްޖޭގައި ވަޒަންވެރި ކުރުވުމަކީ ވިޔަފާރިއަކަށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި ވިޔަފާރީގެ އުސޫލުން ކުރެވިދާނެ އެހެނިހެން ބައިވަރު މަސައްކަތްތައް ހުއްޓައި، ބޭރު މީހުން ރަސްމާލޭގައި ވަޒަންވެރި ކުރުވުމުގެ ވިޔަފާރިއަށް ވަނުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޖުބޫރުވެގެން އުޅެނީ ކޮން ސަބަބަކާ ހުރެތޯ ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.

މީގެއިތުރުން، ގާނޫނުއަސާސީއާ ޚިލާފަށް ބޭރުގެ ކުންފުންޏަކަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދިނުމަށް ސަރުކާރުން ނިންމާފައިވާތީ، އެކަން ހުއްޓުވުމަށްޓަކައި އަލީ ހުސެއިން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅުއްވާފަ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ފާހަގަކޮށްފައިވަނީ، ދައުލަތުގެ މުދަލެއް ބޭރުގެ ފަރާތަކަށް 99 އަހަރުގެ މުއްދަތަށް އެއްފަހަރާ ކުއްޔަށް ދިނުމަށް ދައުލަތަށް ބާރުލިބޭ އެއްވެސް ޤާނޫނީ އޮނިގަނޑެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ޤާނޫނީ ބާރެއް ނެތި، ބޭރުގެ ފަރާތްތަކަށް މިފަދަ ދިގު މުއްދަތަކަށް ބިން ކުއްޔަށް ދިނުމަށް އެކުލަވާލާ ކޮންމެ އެއްބަސްވުމަކީ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ސީދާ ޚިލާފު ކަމެއް ކަމަށްވެސް މި މައްސަލައިގައި ވަނީ ބުނެފަ އެވެ.

މި އެއްބަސްވުމަކީ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާއާއި 251 ވަނަ މާއްދާއާ ސީދާ ޚިލާފު އެއްބަސްވުމެއް ކަމަށްވާތީ، މިއީ ބާތިލު އެއްބަސްވުމެއް ކަމަށް ކަނޑައަޅައިދިނުމަށް މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ވަނީ އެދިފަ އެވެ.

މީގެ އިތުރުން، މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން، އެއްބަސްވުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފަ އެވެ.

ރަސްމާލެ ޕްރޮޖެކްޓްގެ ދަށުން އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ބިން ދިން މައްސަލައިގައި ރައްޔިތުންނާއި ސިޔާސީ އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. މި އަޑިނޭނގޭ ޑީލުގެ ހަގީގީ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ސިޔާސީ ލީޑަރުންނާއި އާންމުން ގޮވާލަމުންދާއިރު، ސަރުކާރުގެ ތެރޭގައި ތިއްބެވި ބައެއް އިސް ފަރާތްތަކުންނާ ބައެއް ވަޒީރުން މިކަމާ ގުޅިގެން ހަނު ތިއްބަވާ މަންޒަރު ފެނެ އެވެ. އަދި މިކަމާ އެއްކޮޅަށް ވެސް ދެކޮޅަށް ވެސް ބަހެއް ވިދާޅުނުވެ ތިއްބަވާތީ ސަރުކާރުގެ ތެރެއިންވެސް އެ ވަޒީރުންނަށް ފާޑުކިޔުން އަމާޒުވަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.