ރަސްމާލޭ މަޝްރޫއުގެ ދިފާއުގައި މުޅި ސަރުކާރު ތެދުވެފައިވާއިރު، އިސްލާމީކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަނު ހުންނެވުމުން އެމަނިކުފާނު މި މަޝްރޫއުއާ ދޭތެރޭ ދެކިވަޑައިގަންނަވާ ގޮތާއި މެދު ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ މެދުގައި ސުވާލު އުފެދިއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މިނިސްޓަރުންނާއި އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ރަސްމާލެ މަޝްރޫއު ދިފާއު ކުރައްވަމުންދާ ދަނޑިވަޅެއްގައި މިނިސްޓަރު ޝަހީމް މިކަމާއި މެދު އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެ އެވެ.
އިތުބާރުހުރި މަސްދަރަކުން ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އޮފީހުން ވަނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ފަރާތްތަކަށް މި މަޝްރޫއު ދިފާއުކޮށް ވާހަކަ ދެއްކުމަށް އަންގާފަ އެވެ.
އިސްރާއިލާ ގާތް ގުޅުމެއް ބާއްވަމުންދާ އީގަލްސް ހިލްސް ކުންފުންޏަށް ރަސްމާލެ 99 އަހަރަށް ދިނުމާ މެދު މިނިސްޓަރު ޝަހީމްގެ ހިޔާލަކީ ކޮބައިތޯ ބަލަން ރާއްޖެއެމްވީ އިން ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވެ އެވެ.
ރަސްމާލެ މަޝްރޫއާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުގެ އިތުރުން ދީނީ އިލްމުވެރިންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދުން މައިގަނޑު ސަބަބަކަށްވީ، އެ ސަރަހައްދުން 500 ހެކްޓަރުގެ ބިން 99 އަހަރުގެ މުއްދަތަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
ރަސްމާލޭ ވޯޓަރފްރަންޓް އެންޑް މެރީނާ މަޝްރޫއު ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 500 ހެކްޓަރުގެ ބިން ކުއްޔަށް ދިނުމާ ދެކޮޅަށް ދީނީ އިލްމުވެރިން ވެސް އަންނަނީ ވާހަކަދައްކަވަމުންނެވެ.
އެގޮތުން، ރަސްމާލެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ވޯޓަރ ފްރަންޓް އަދި މެރީނާ ތަރައްޤީކުރުމުގެ ޕްލޭނާ ގުޅިގެން ހަދަމުންދާ ޤާނޫނުތަކުގެ މައުލޫމާތު ސާފުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ބަންޑާރަ ނައިބު އަހުމަދު އުޝާމްއާ ބައްދަލުކުރުމަށް ރާއްޖޭގެ އިލްމުވެރިންގެ ގުޅުމުން އެދިފައިވެ އެވެ.
މީގެ އިތުރުން މި މަޝްރޫއުއާ ގުޅޭ ގޮތުން އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ވެސް އެއްޗެއް ވިދާޅުވެފައި ނުވެ އެވެ.

ރަސްމާލޭ މަޝްރޫއުގެ ދިފާއުގައި މުޅި ސަރުކާރު ތެދުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު ސައީދު ހަނު!
މި ހުރިހާ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދަނީ، ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށް ހިންގޭ މިފަދަ ކޮންމެ މަޝްރޫއެއް ވެސް ކުރިއަށްދާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ އިމުގެ ތެރެއިން، ދީނީ އެއްވެސް އަސާސަކަށް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން ކަމަށެވެ.