އާންމު ރައްޔިތުންގެ
ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން
ތަކުރާރުކުރާ ފަރާތްތައް ހުއްޓުވައި، އެ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް
ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.
މި މަސައްކަތުގެ
ދަށުން ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ މައުލޫމާތު
ޕްރޮފައިލްކުރުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ.
ފުލުހުން
ހާމަކުރި ގޮތުގައި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް
ނަސޭހަތްތެރިވުމަށްފަހު، އެ އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާމެދު ޓްރެފިކް ގާނޫނާއި
ގަވާއިދުތަކުގެ ދަށުން ކުރިން ކުރަމުން އައި ޖޫރިމަނާގެ އިތުރުން، އިތުރު އިންޒާރަކާ
ނުލައި ޖިނާއީ ތަހުގީގު ހިންގުމަށް ވަނީ ނިންމާފަ އެވެ. އަދި ނުރައްކާތެރިކޮށް އުޅަނދު
ދުއްވާ ފަރާތްތަކުގެ ތެރެއިން އެ އަމަލު ތަކުރާރުކުރާ ފަރާތްތަކުގެ ވަނަވަރު އާންމުކުރަމުން
ގެންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
މި ހާއްސަ
އޮޕަރޭޝަނުގެ ދަށުން ފުލުހުން އެންމެ ބޮޑު ސަމާލުކަމެއް ދީގެން ފިޔަވަޅު އަޅާނީ، ބިރުވެރިކަން
އުފެދޭގޮތަށް ޒިގްޒެގްކޮށް ދުއްވުމާއި، އުޅަނދަށް ބަދަލުގެނެސް ސައިލެންސަރު އަޑުގަދަކޮށް
ދުއްވުމާއި، ހަރު ބިންމަތީގައި ގާނަމުން ދުއްވުމުގެ އިތުރުން، ދުވެލިމަތަތަކަށް މަޑުނުކޮށް
ބާރު ސްޕީޑުގައި ދުއްވާ ފަރާތްތަކަށެވެ.
މީގެ އިތުރުން
ކަމާގުޅޭ އިދާރާތަކުގެ ހުއްދަ ނުނަގައި ރޭސްޖެހުމާއި ހުނަރުދެއްކުމާއި، ނުރައްކާތެރިކޮށް
އޯވަޓޭކްކުރުމާއި، މަސްތުގެ ހާލަތުގައި ދުއްވުމާއި، ފުލުހުން މަޑުކުރަން އެންގުމުން
މަޑުނުކޮށް ފިލަން މަސައްކަތް ކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ
ހަމަޖެހިފަ އެވެ.
މި މަސައްކަތުގެ
ދަށުން ނުރައްކާތެރިކޮށް ދުއްވާ ފަރާތްތައް ހޯދައި، އުޅަނދު ދުއްވި ފަރާތުގެ އިތުރުން
އުޅަނދުގެ ވެރިފަރާތަށް ވެސް ފިޔަވަޅު އެޅުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ނުރައްކާތެރިކޮށް
ދުއްވާ އުޅަނދުތައް 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭނެ އެވެ.
އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ހަވާލުނުވާ އުޅަނދުތައް، އޮންނަ
އުސޫލުގެ ދަށުން ނައްތާލެވޭނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން
އިތުރަށް ފާހަގަކުރި ގޮތުގައި، މިފަދަ ނުރައްކާތެރި އަމަލުތަކުގައި ސަރުކާރުގެ މުއައްސަސާތަކާއި
ކުންފުނިތަކުގެ މުވައްޒަފުން ޝާމިލުވާކަން ވަނީ ފާހަގަކުރެވިފަ އެވެ. އެހެންކަމުން
އެ ފަރާތްތަކާމެދު އެޅެންހުރި އިދާރީ ފިޔަވަޅުތައް އެޅުމަށްޓަކައި، އެ މުވައްޒަފުން
ނިސްބަތްވާ މުއައްސަސާތަކަށް އެ މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ފުލުހުން މިހާރު
ދަނީ ކުރަމުންނެވެ.
މަގުމަތީގެ
ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މި މަސައްކަތުގައި އާންމުންގެ އެއްބާރުލުން
ބޭނުންވާކަން ފާހަގަކޮށް ފުލުހުން ބުނީ، ނުރައްކާތެރިކޮށް ދުއްވާ މަންޒަރު ފެންނަ ފޮޓޯއާއި
ވީޑިއޯ އާންމުން ހިއްސާކުރުމުން، އެ ތަކެތީގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ގާނޫނީ
ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.