ލޯކަލް ގަވަރުމަންޓް
އޮތޯރިޓީ (އެލްޖީއޭ) އަށް މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ބަޖެޓަށް
ވުރެ އިތުރަށް 13 މިލިއަން ރުފިޔާ އެ އިދާރާއިން ހަރަދުކޮށްފި އެވެ.

މިކަން ހާމަވެފައިވަނީ
ސަރުކާރުގެ އާމްދަނީ އާއި ހަރަދުތަކުގެ ތަފްސީލު ހިމަނައިގެން ފިނޭންސް މިނިސްޓްރީން
އާންމުކޮށްފައިވާ އެންމެ ފަހުގެ މާލީ ހިސާބުތަކުންނެވެ.

ފިނޭންސް
މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ
ދުވަހުގެ ނިޔަލަށް އެލްޖީއޭއިން ވަނީ ޖުމްލަ 51 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
ނަމަވެސް، ރައްޔިތުންގެ މަޖިލީހުން މިއަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރިއިރު، އެލްޖީއޭ
ހިންގުމަށް ކަނޑައަޅާފައިވަނީ 38.1 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މި ހިސާބުތަކަށް
ބަލާއިރު، ބަޖެޓުގައި ކަނޑައެޅި މިންވަރަށް ވުރެ 12.9 މިލިއަން ރުފިޔާ ނުވަތަ ގާތްގަނޑަކަށް
13 މިލިއަން ރުފިޔާ އެ އިދާރާއިން ވަނީ އިތުރަށް ހަރަދުކޮށްފަ އެވެ. މިއީ ބަޖެޓުގައި
ކަނޑައެޅި އަދަދަށް ވުރެ ބޮޑުތަނުން އިތުރު އަދަދެއްކަން ފާހަގަކުރެވެ އެވެ.

އެލްޖީއޭގެ
ބަޖެޓުން މިހާ ބޮޑު އަދަދެއް އިތުރަށް ހަރަދުވެފައިވާއިރު، ބަޖެޓަށް ވުރެ އިތުރަށް
ހަރަދުކުރަން ޖެހުނު ސަބަބެއް ސަރުކާރުން ނުވަތަ އެ އިދާރާއިން މިހާތަނަށް ސާފުކޮށްދީފައެއް
ނުވެ އެވެ. އާންމު ގޮތެއްގައި ބަޖެޓަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހެނީ ސަޕްލިމަންޓްރީ
ބަޖެޓެއްގެ ތެރެއިން ނުވަތަ ބަޖެޓުގެ އެހެން ކޯޑުތަކުން ފައިސާ ބަދަލުކޮށްގެންނެވެ.

ދައުލަތުގެ
މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަމުންދާ
ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައި، ބަޖެޓަށް ވުރެ އިތުރަށް ހަރަދު ކުރަމުންދާ މައްސަލައިގައި
އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މި ސަރުކާރުން ދައުލަތުގެ ދަރަނި އިތުރުކުރާ މިންވަރު 57.5 ބިލިއަން ރުފިޔާއަށް އަރާނެކަމަށްވެސް މާލީ ދާއިރާގެ ތަޖުރިބާކާރުން ދަނީ ވިދާޅުވަމުންނެވެ.