ރަސްމާލެ މަޝްރޫއުގެ ބޮޑުބައެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމި ނިންމުމުގައި ގިނަ ސިއްރުތަކެއް ފޮރުވިފައިވާކަމަށް ރައްޔިތުންގެ
މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ
އެވެ.

ރާއްޖެޓީވީން
ގެނެސްދިން "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި އަލީ ހުސެއިން ވިދާޅުވީ
ވެލިފުކެއް ވެސް ބޭރުގެ ބަޔަކަށް ނުދޭނެކަމަށް ބުނެ ވެރިކަމަށް އައިސް، 53 މިލިއަން
އަކަފޫޓުގެ ބިން ބަޔަކަށް ހިލޭ ދީފާނެކަމަށް ހީނުކުރެވޭކަމަށެވެ. އެހެންކަމުން މިކަމުގެ
ފަހަތުގައި ފޮރުވިފައިވާ ވަރަށް ގިނަ ކަންކަން ހުންނާނެކަމަށާއި ގިނަ ސިއްރުތަކެއް
މިވަރުގެ ބޮޑު ޖަރީމާއެއްގެ ފަހަތުގައި އޮންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ހުސެއިން
ފާހަގަކުރެއްވީ ދިވެހިރާއްޖޭގެ ގައުމިއްޔަތުގެ އެއް ސިފައަކީ މި ތާނގައި އަމަންއަމާންކަމާއި
ސުލްހަ މަސްލަސްކަން އޮތުން ކަމަށެވެ. ދިވެހިރާއްޖެއަކީ އެއް ދީނަކަށް ތަބާވާ ބަޔަކަށް
ވުމާއި މި ސުލްހަ މަސްލަސްކަމާއި ހަމަޖެހުން މިއީ ދިވެހިރާއްޖޭގެ ޚާއްސަ ސިފަތައް ކަމަށް
އޭނާ ވިދާޅުވި އެވެ.

މިއީ ދިވެހިރާއްޖޭގެ
ރީތިކަން ބޭރުގެ ގައުމުތަކަށް ވިއްކޭ އެއް ސަބަބު ކަމަށް ވެސް އަލީ ހުސެއިން ފާހަގަކުރެއްވި
އެވެ. ނަމަވެސް ސަރުކާރުން އުޅެނީ މި ދެންނެވި ސުލްހަ މަސަލަސްކަން ވެސް ގެއްލުވާލަން
ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

ރަސްމާލެ
މަޝްރޫއުގެ ދަށުން ބިން ކުއްޔަށް ދިނުމާއި ވިއްކުމާ ގުޅޭގޮތުން މި ސަރުކާރުން
ނިންމާފައިވާ ނިންމުންތަކަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ކަމަށާއި، މި
މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ޖިނާއީ ދައުވާ
ކުރަންޖެހޭ ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ. 

މި
މަޝްރޫއުގެ ބޮޑުބައެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން
ނިންމުމާ ގުޅިގެން ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ބައެއް ފަރާތްތަކުން
ބުނެފައިވަނީ މި މަޝްރޫއު ހިންގުމުގައި ބޭރުގެ ފަރާތްތަކަށް ވަރަށް ބޮޑަށް
ބާރުވެރިކަން ދިނުމަކީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ.