ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައާއި، އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް އުޅަނދު ޕާކުކުރާ މައްސަލަތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިވެހި ފުލުހުންގެ ޚިދުމަތުން ދީފި އެވެ. 

ފުލުހުން ބުނީ، ހުޅުމާލޭގެ މަގުތަކުގައި ދުވާރުތަކުގެ އިތުރުން އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް އުޅަނދު ޕާކުކުރުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެގޮތުން މިގޮތަށް އުޅަނދު ޕާކުކުރުމަކީ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ ކަމެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

އެހެންކަމުން، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނާއި މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށްޓަކައި، އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކާމެދު ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. 

ފުލުހުން މިފަދަ އިންޒާރެއް ދީފައިވާއިރު، މިފަހަކަށް އައިސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޕާކުކޮށްފައި ހުންނަ ގޮތުން އާއްމުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. 

އެގޮތުން އެންމެ ގިނަ ބަޔަކު ދިރިއުޅޭ އެއްސަރަހައްދު ކަމަށްވާ ހިޔާ ފްލެޓު ސަރަހައްދުގައި އާއްމުންނަށް ހިނގަން ޚާއްސަކޮށްފައިވާ ދުވާރުމަތީގައި ވެހިކަލް ޕާކު ކުރާ މައްސަލަ ބޮޑެވެ. ދޭތެރެ ދޭތެރެއިން ފުލުހުން ގޮސް ވެހިކަލްތައް ޓޯ ކުރި ނަމަވެސް މިފަދަ މައްސަލަތަކަށް ދާއިމީ ގޮތެއްގައި ހައްލެއް ނުލިބެ އެވެ.