ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 95 އިންސައްތަ މަސައްކަތް ނިންމާފައިވާ ށ. ޅައިމަގު ބަނދަރު މަޝްރޫއު، މިސަރުކާރަށް ތިން އަހަރު ވާން ދާއިރު ވެސް ނުނިމޭތީ މަޖިލީހުގެ ފުނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. 

ރާއްޖެޓީވީގެ "ވައުދުނާމާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް މުއިއްޒު ޅައިމަގަށް ވަޑައިގެން ފެށިފައި ހުރި މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށްގެންދަވާނެ ކަމަށް ވައުދުވެވަޑައިގެން ކަމަށެވެ. އެގޮތުން ރައީސް ސޯލިހުގެ ސަރުކާރު ނިމިގެންދިޔައިރުގައި ނުނިމި އޮތީ ހަމައެކަނި ބަނދަރުގެ މަޝްރޫއުކަން ޝާހިދު ފާހަގަކުރެއްވި އެވެ. 

އަދި ބަނދަރުގެ މަޝްރޫއު 95 އިންސައްތަ ރައީސް ސޯލިހުގެ ސަރުކާރުގައި ނިމިފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. 

ބަނދަރުގެ މަޝްރޫއު 95 ޕަސަންޓް ނިމިފައި، އެ 5 ޕަސަންޓް ބާކީ އޮތް 5 ޕަސަންޓް ނިންމަން 3 އަހަރު ވެގެންދާއިރު އަދި ކަހާތަން ހިރުވާނުލާ. އެހެންވީމަ ލައްކަ ބާރަށް އެބަދޭތާ 
މުހައްމަދު ޝާހިދު

ޝާހިދު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ވިދާޅުވާ ބަސްފުޅުގެ މާނަ ނަގަން ޖެހޭނީ ހަމަ ސީދާ އިދިކޮޅަށް ކަމަށެވެ.

ށ. ޅައިމަގު ބަނދަރު މަޝްރޫއުއަކީ 2020 ވަނަ އަހަރު ޑިސެންބަރު 7 ގައި މޮބިލައިޒް ކުރެވިފައިވާ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމަށްވަނީ ނިންމައިފަ އެވެ.

ޅައިމަގު ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ. އެރަށުގެ ބަނދަރު ކުޑަވުމުގެ ސަބަބުންނާއި، ބަނދަރު ފަޅު ތިލަވުމުގެ ސަބަބުން ލަފާފުރާ ދޯނިތަކަށް ވެސް ވަރަށް ބޮޑަށް ދަތިވެފައިވެ އެވެ. އަދި އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކުރެވޭ މި ބަނދަރުގެ ސަބަބުން އާއްމު ރައްޔިތުންނަށް ލަފާފުރުމުގައި ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.