ދ. މީދޫގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓް އެއްވެސް ބޭނުމެއް ނުކުރެވި، ފަޅުވެ، ގޮނޑެއްގެ ގޮތުގައި އޮތް ކަމަށް ވިދާޅުވެ އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، މީދޫގައި ވެމްކޯގެ މަސައްކަތްތަކަށް މުވައްޒަފުން ނެގިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ތަނުގައި ރައްޔިތުންނަށް ފައިދާހުރި އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށެވެ. އަދި އެ ތަނަކީ އެއްވެސް ދިރުމެއް ނެތް ފަޅު ތަނެއްގެ ގޮތުގައި އޮތް ތަނެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ޝާހިދު ވިދާޅުވީ ވެމްކޯއަށް މަސައްކަތްތައް ފަސޭހަކޮށްދިނުމުގެ ގޮތުން، މިދިޔަ ކައުންސިލްގެ ދައުރުގައި 2 ލައްކަ ރުފިޔާ ޚަރަދުކޮށްގެން ކުނިގޮނޑު ސަރަހައްދުން ގިނަ އަދަދެއްގެ ކުނި ބޭރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ އެކަށީގެންވާ މާހައުލެއް ނުވަތަ އިމާރާތެއް ވެސް ގާއިމުކޮށްދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން ދަންނަ އެމްޕްލޮއިމެންޓް އެކްޓުގައި، ހަމަ ޖަސްޓް މި ތަނުގައި ތިބެލާފައި މީހުން މުވައްޒަފުން މިހިރީ ދިވެހި ދައުލަތުން ބަހައްޓާފައި ހުރި މުވައްޒަފެކޭ ކިޔާފައެއް މި ގޮތަކަށް ނުދެވޭ ނޫންތޯ؟ އެ މުވައްޒަފު ކުރާނެ މަސައްކަތަކާއި އެ މުވައްޒަފުން ތިބޭނެ ތަނަކާއި މިއީ އެންމެ ބޭސިކް. މިކަންކަން ވެސް ކޮށްނުދީ މިތަންތަނަށް މުވައްޒަފުން އަޅާފަ އެތިބީ
މުހައްމަދު ޝާހިދު

މީގެ އިތުރުން ޝާހިދު ވިދާޅުވީ، މި ސަރުކާރުން ކުރާ އެއްވެސް ކަމެއްގައި ދެފުށް ފެންނާނެ އެއްވެސް ގޮތެއް ނެތް ކަމަށާއި، ރަށްރަށުގެ މިފަދަ ތަންތަން ތަރައްގީކޮށް ކުރިއެރުވުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ. އަދި ވިދާޅުވީ ވެމްކޯގެ ސައިޓް ހަދަން ގެނެސްފައިވާ ސާމާނުތައް ހަލާކުވެގެންދާ ކަމަށާއި، މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. 

ރަށުގެ ކުނި ނައްތާލުމުގެ ނިޒާމަށް އަލިއަޅުއްވާލައްވައި ޝާހިދު ވިދާޅުވީ، މިހާރު ވެސް ރައްޔިތުން ކުނިއަޅާ ސަރަހައްދުގައި ކުނި ނައްތާލުމަށް ކުރާ ކަމަކީ އަންދާލުން ކަމަށެވެ. އަދި މިވަގުތު އެ ރަށުގައި ހުރީ ވެމްކޯގެ އެންމެ މުވައްޒަފެއް ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި، ރަށުން ވެމްކޯ އުވާލި ކަމުގެ އަޑުތަކެއް ވެސް ފެތުރިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.