ދ. މީދޫގައި ރާއްޖެޓީވީން ޝޫޓްކުރި "ހާލު
ކިހިނެއް" ޕްރޮގްރާމް އެ ރަށުގެ ބޮޑު ސްކްރީންގައި އެޅުވުމަށް ކުރި މަސައްކަތަށް،
ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ކައުންސިލް މެންބަރަކު ހުރަސްއަޅުއްވައި،
ފުލުހުން މެދުވެރިކޮށް އެކަން ހުއްޓުވައިފި އެވެ.  ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށެވެ. 

މި ޕްރޮގްރާމް ދެއްކުމަށްޓަކައި އެކި ތަންތަނުން
ކަރަންޓު ހޯދައިގެން ބަޔަކު ވަނީ ބުރަ މަސައްކަތްތަކެއް ކޮށް، ހުރިހާ އިންތިޒާމެއް
ހަމަޖައްސާފަ އެވެ.

މިކަމާ ގުޅޭގޮތުން ރަށުން ވާހަކަ ދެއްކި
މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕްރޮގްރާމް ދެއްކުމަށް ތައްޔާރުވެފައި
ވަނިކޮށް، ޕީއެންސީގެ ފަރާތުން މީދޫ ކައުންސިލަށް ދާދި ފަހުން އިންތިޚާބުވި ސުހާ އިބްރާހީމް
ވަނީ އެތަނުގައި ޝޯވް ނުދެއްކޭނެކަން އަންގާފަ އެވެ.

މަސްލަހަތު ނަގާނުލައި އެކަން ހުއްޓާލުމަށް ސުހާ
އަންގަވާ އޯޑިއޯ ރެކޯޑިންގތައް ވެސް މިހާރު ވަނީ "ރާއްޖެއެމްވީ" އަށް ލިބިފަ
އެވެ. އެ ރެކޯޑިންގތަކުގައި ސުހާ ވިދާޅުވެފައިވަނީ މަސްލަހަތު ނަގާނުލައި އެކަން ހުއްޓާލުމަށާއި،
އެކަން ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ މަސްލަހަތު ނަގާލުން ކަމަށެވެ.

ރަށުން މައުލޫމާތު ދިން މީހުން ކިޔައިދިން ގޮތުގައި،
ކައުންސިލުން ފަހުން ވަނީ ފުލުހުން ފޮނުވައިގެން އެކަމަށް ހުރަސް އަޅާފަ އެވެ. އަދި
އެ ސަރަހައްދަށް ދިޔަ ފުލުހުން ވަނީ އެމީހުންގެ ވާޖިބަށް ހުރަސްނޭޅޭނެ ގޮތަށް އަމަލުކުރުމަށްވެސް
އަންގާފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ޕްރޮގްރާމްގެ މަސައްކަތް
މީދޫގައި ކުރަމުންދަނިކޮށް، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ބަޔަކު އެތަނަށް
އެއްވެ ހަމަނުޖެހުންވެސް ހިންގާފައިވެ އެވެ. އަދި އެ މަންޒަރުތައްވެސް މި
ޕްރޮގްރާމްގައި ހިމެނެ އެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި އެ ސަރަހައްދަށް އެއްވި
މީހުން ވަނީ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ރާއްޖެޓީވީގެ ކެމެރާ ފަދަ އަގުބޮޑު
ސާމާނުތަކަށް ގެއްލުން ދިނުމަށް ވެސް މަސައްކަތް ކޮށްފަ އެވެ. މިއީ ނޫސްވެރިކަމުގެ
މިނިވަންކަމަށް ހުރަސްއެޅުމުގެ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ރާއްޖެޓީވީން ތައްޔާރުކުރާ "ހާލު ކިހިނެއް"
ޕްރޮގްރާމަކީ ރަށްރަށުގެ މިހާރުގެ ހާލަތާއި، ސަރުކާރުން ފަށާފައިވާ ނަމަވެސް މިހާރު
ހުއްޓިފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ފާޅުކުރުމަށް
ފުރުސަތު ދޭ ޕްރޮގްރާމެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދ. މީދޫގައި ވެސް ސަރުކާރުގެ
ގިނަ މަޝްރޫއުތަކެއް މިހާރު ވަނީ ހުއްޓިފައެވެ. މި ޕްރޮގްރާމް ހުއްޓުވުމަށް މަސައްކަތް
ކޮށްފައިވަނީ ރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ ރައްޔިތުންގެ މެދުގައި
އޮތް ނުރުހުން ފާޅުވެދާނެތީ ކަމަށް ބެލެވެއެވެ.